އިލެކްޝަންސް ކޮމިޝަން

ކޯޓުތަކުން ކުރާ ހުކުމްތަކަށް އީސީއިން އިހްތިރާމް ކުރާނެ: ޝަރީފް

އަހުމަދު ޖައިޝަން

ކޯޓުތަކުން ކުރާ ހުކުމްތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިހްތިރާމް ކުރާނެ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ މުސްތަޝާރު ކަމުގެ ދަށުން ބޭއްވި ޕީޕީއެމްގެ ޚާއްސަ ކޮންގްރެސްގެ ނިންމުންތައް އިލެކްޝަންސް އިން ބަލައިގަންނަން ޖެހޭ ކަމަށް ހައިކޯޓުން ވަނީ މިއަދު އަމުރު ކުރައްވާފައެވެ.

އެކަމާ ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯޓުގެ ހުކުމާ މެދު ހިތްހަމަ ނުޖެހޭ ނަމަ ދެން އޮތް މަރުހަލާއަކަށްވެސް ދާނެ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ޕީޕީއެމް އިން ބޭއްވި ޚާއްސަ ކޮންގްރެސް ގައި ވަނީ އެ ޕާޓީގެ ރައީސް ކަމަށާއި ހަތަރު ނައިބުންނާއި ކައުންސިލަށް ބޭފުޅުން އިންތިޚާބުކޮށްފަ އެވެ.

އެ ގޮތުން ޕާޓީގެ ރައީސް ކަމަށް އިންތިޚާބުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ. ނައިބު ރައީސުން ކަމަށް އިންތިޚާބު ކުރީ ރައީސް ޔާމީންގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ލ. ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

ހައި ކޯޓުން އަމުރުކޮށްފައިވަނީ އެ ނިންމުންތައް އިލެކްޝަނުން ބަލައިގަތުމަށެވެ.