ކޯޓު އަމުރެއްގެ ދަށުން، ކުއްޖާގެ ބެލެނިވެރިކަން މާމަޔާ ހަވާލުކޮށްފައި ވަނިކޮށް، ބައްޕަ ކުއްޖާ ގޮވައިގެން ރަށަށް ދިޔަ މައްސަލައިގައި، ތ. ތިމަރަފުށީ ކޯޓުން ކުރި އަމުރެއް ތަންފީޒުކޮށް، ފުލުހުން އެ ކުއްޖާ އަނެއްކާވެސް މާމަޔާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ 2020 ފެބުރުއަރީ ދެވަނަ ދުވަހު ތިމަރަފުށީ ކޯޓުން ފުލުހުންނަށް ނެރެފައިވާ ކޯޓު އަމުރެއްގައި ވަނީ ކުޑަކުއްޖެއްގެ މާމަ އާއި ކުއްޖާ ހަވާލުކުރުމަށާއި، ކުއްޖާ ގެންދިއުމުގައި އެކަމަށް އެއްވެސް ބަޔަކު ހުރަސް އަޅާނަމަ ހުއްޓުވުމަށާއި ކޯޓުގެ އެ އަމުރު އިއްޔެ 14:00 ކުރިން ތަންފީޒު ކުރުމަށެށެވެ.
އެގޮތުން، އެކުއްޖާގެ މާމަ ކުއްޖާއާއި ހަވާލުވުމަށް ދިޔަ އިރު ކުއްޖާ ސްކޫލުގައި ހުރުމުން، 12:30ގައި ސްކޫލު ނިމުމުން ކުއްޖާ ގޮވައިގެން ޕޮލިސް ސްޓޭޝަނަށް ހާޒިރު ވުމަށް ކުއްޖާގެ ބައްޕައަށް އެންގި ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް ކުއްޖާ ހުން އައިސްފައި ހުރުމުން ކުއްޖާގެ ބައްޕަ ކުއްޖާ ގޮވައިގެން މ. މުލަކު ހޮސްޕިޓަލަށް ގެންގޮސް ކުއްޖާ މުލަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރި ކަމަށާއި ކުއްޖާގެ ހާލަތު އެނގޭނީ ލޭގެ ޓެސްޓެއް ހަދައި ޓެސްޓުގެ ނަތީޖާ 14:30ގައި ލިބުމުން ކަމަށް ޑޮކްޓަރާއި ހަވާލާދީ ކުއްޖާގެ ބައްޕަ ބުނި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންކަމުން ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން ކުއްޖާގެ މާމަ ހޮސްޕިޓަލަށް ގެންގޮސް ލިޔުމުން ކުއްޖާ ވަނީ މާމަ އާއި ހަވާލުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
ކުއްޖާގެ ހާލަތު ރަނގަޅު ކަމަށްބުނެ ކުއްޖާ ޑިސްޗާޖް ކުރަން 15:00 ހާއިރު ޑޮކްޓަރު ނިންމިއިރު، ހޮސްޕިޓަލު ކައިރިއަށް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ކޯޓު އަމުރު ތަންފީޒު ކުރުމަށް ހުރަސް އެޅި ކަމަށާއި އެއްވި މީހުންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިކަމާ ގުޅިގެން ކުއްޖާއާއި، ކުއްޖާގެ މާމަގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، އެތަނަށް އެއްވެތިބި މީހުން ގާތުގައި އަދި ކުއްޖާގެ ބައްޕަ އަށް އެތައް ފަހަރަކު ނަސޭހަތް ދިމުނުމުންވެސް ކުއްޖާ ގެންދިއުމަށް ހުރަސް އަޅާފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުގެ އެމްބިއުލާންސް ހަމަޖައްސައި ކުއްޖާ ގޮވައިގެން ބަނދަރަށް ދިއުމަށް 19:00 ހާއިރު މަސައްކަތް ކުރުމުން، ރައްޔިތުންގެ ބަޔަކު ނިކުމެ އެމްބިއުލާންސަށް ނުދެވޭނެ ގޮތަށް ބިންމަތީގައި އޮށޯވެ ހުރަސް އަޅާފައިވާ ކަމަށެވެ.
އެހެންކަމުން ރައްޔިތުންނާއި ކުއްޖާގެ ސަލާމަތަށް ބަލައި ފުލުހުން ވަނީ ކުއްޖާ އާއި ކުއްޖާގެ މާމަ ގޮވައިގެން ފައިމަގުގައި ޕޮލިސް ލޯންޗާއި ހަމައަށް ގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.
ކުއްޖާ ގޮވައިގެން ދިޔަ މަގުމަތީގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައި ނުވާނެ ކަމަށާއި ނަމަވެސް އެއްވެ ތިބި މީހުންގެ ތެރެއިން އަންހެނަކު ކުއްޖާގެ މާމަގެ ބުރުގާގައި ހިފައި ބިއްމައްޗަށް ވައްޓާލައިފައިވާ ކަމަށް ފުލުން ބުންޏެވެ.
ތ. ތިމަރަފުށީ ކޯޓުން ނެރެފައިވާ ކޯޓު އަމުރު ތަންފީޒުކުރުމުގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތި ވީނަމަވެސް ފުލުހުން އެ އަމުރުގެ ވަގުތު ހަމަވުމުގެ ކުރިން ތަންފީޒު ކޮށްފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.
ފުލުހުން އެ އަމުރު ތަންފީޒު ކޮށްފައިވާއިރު މ. މުލަކު ކޯޓު ހުކުމެއްގެ ދަށުން، މަންމަ ފަރާތު މާމަގެ ހަވާލުގައި ހުރި ހަ އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން އެ ކުއްޖާގެ ބައްޕަ، މާލެއިން ފުރި މައްސަލައެއް ވަނީ ދާދި ފަހުން މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ކުއްޖާގެ މަންމަ އާއި ބައްޕަ ވަކިވުމަށް ފަހު، ކުއްޖާ ބަލަމުން އައީ ތ. ތިމަރަފުށީގައި ކުއްޖާގެ މަންމަވެ. އަދި ހަޟާނަތުގެ މައްސަލައަށް ފަހު، ކޯޓު ހުކުގެ ދަށުން ދެން ކުއްޖާ ބަލަމުން އައީ ކުއްޖާގެ މާމަ އެވެ.
މި ކުއްޖާގެ ހަޟާނަތު (ބެލެނިވެރިކަން) ކުއްޖާގެ މަންމަ ފަރާތު މާމަޔާ ހަވާލުކުރީ މ. މުލަކު ކޯޓުން 2016 ވަނަ އަހަރު އެވެ. އެއީ ކުއްޖާގެ ބައްޕަ އެ ކުއްޖާ ހޯދަން އެ ކޯޓުގައި ދައުވާ ކުރުމުންނެވެ.
ކުއްޖާގެ ބައްޕަޔަކީ މުލަކު މީހެކެވެ. އެނގިފައިވާ ގޮތުގައި، ބައްޕަ ދަރިފުޅު ހޯދަން ކޯޓަށް މައްސަލަ ހުށަހެޅީ ކުއްޖާގެ މަންމަ އެހެން މީހަކާ ކައިވެނީގެ ގޮތުން ގުޅުމުން، އާއިލާއާ ބެހޭ ގަވައިދުގައި ބުނާގޮތުން މަންމަގެ ފުށުން ކުއްޖާގެ ހަޟާނަތު ގެއްލުމުންނެވެ.