މަމެން އިންޓަ ސްކޫލްގެ ސައިކްލިން ޗެމްޕިއަންޝިޕް އަންނަ މަހު ފަށަން ނިންމައިިފިއެވެ.
ތިންވަނަ މަމެން އިންޓަ ސްކޫލުގެ ސައިކްލިން ޗެންޕިއަންޝިޕްގެ ތިންވަނަ އެޑިޝަންގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ބްރޭންޑް ނައިޔާ ޝަރީފު ވިދާޅުވީ މި މުބާރާތް ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މުބާރާތް ބާއްވާނީ ހުޅުމާލޭ ސައިކްލިން ޓްރެކްގައި ކަމަށް ދިރާގުން ބުނެއެވެ.
ނައިޔާ ވިދާޅުވީ މި މުބާރާތް ކުރިއަށްގެންދިއުމުގެ މަގުސަދަކީ ވީހާވެސް ގިނަ ކުދިން ޅަފަތުގައި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އަހުލުވެރިކުރުމާއި ބާރު އެޅުމާއެކު ތިވާވެއްޓާ ރައްޓެހި ގޮތް ހިޔާރުކޮށް އިންޖީނުލީ އުޅަނދު ބޭނުންކުރުން މަދުކުރުމަށް އެއްބާރުލުން ދިނުން ކަމަށެވެ.
މި މުބާރާތާ ގުޅޭގޮތުން ބައިކް މޯލްޑިވްސްގެ ޗެއާޕާސަން ޒުލޭހާ ހަސަން ދީދީ ވިދާޅުވީ މިދިޔަ އަހަރުގެ މުބާރާތުގައި 20 ސްކޫލަކުން 600 ކުދިން ބައިވެރިވި ކަމަށާއި މިއަހަރު މުބާރާތް ކުރިއަށްގެންދާނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހުޅުވާލައިގެން ކަމަށެވެ. އަދި ރާއްޖޭގެ ބައިސިކަލް އެސޯސިއޭޝަން، ޔޫނިއަން ސައިކަލް އިންޓަރނޭޝަނަލް (ޔޫސީއައި) މެންބަރަކަށް މިދިޔަ އަހަރު ފަހުކޮޅުވެފައިވާ ކަމަށާއި ރާއްޖޭގެ ބައިސިކަލް އެސޯސިއޭޝަންގެ ނެޝަނަލް ސްޓޭޓަސް ވަރަށް އަވަހަށް ލިބޭނެ ކަމަށް މިނިސްޓްރީން އަންގާފައިވާ ކަމަށް ވެސް ޒުލޭހާ ވިދާޅުވިއެވެ.
މިއަހަރުގެ މުބާރަތުގައިވެސް ކެޓެގަރީތައް ބަހާލާފައިވަނީ އެހެން އަހަރުތަކެކޭ އެއްގޮތަށެވެ. އެގޮތުން ކޮންމެ ކުއްޖަކަށް ބައިވެރިވެވެނީ ތިން އިވެންޓުގައި ކަމަށާއި 200 މީޓަރަކީ ބައިވެރިވުން މަޖޫބުރު އިވެންޓެއް ކަމަށެވެ. އަދި މުބަރާތުގައި ކުރިއަށްގެންދާނެ އުމުުރުފުރާތަކަކީ 11 އަަރުންދަށް، 13 އަހަރުންދަށް، 15 އަހަރުންދަށް، 17 އަަހަރުންދަށް އަދި 19 އަހަރުންދަށުގެ އުމުރުފުރާއެވެ. މި މުބާރާތުގައި ފަސްޓް އެއިޑް ފޯރުކޮށްދޭނީ ހުޅުމާލެ ހޮސްޕިޓަލް އަދި މޯލްޑިވްސް ރެޑްކްރެސެންޓެވެ.
މީގެ އިތުރުން އެޗްޑީސީން ވަނީ މުބާރާތަށް ފަރިތަކުރުމަށް ހުޅުމާލޭ ފޭސް 2 (ޓޫރިޒަމް އައިލެންޑް ތަރައްގީކުރާ ސަރަހައްދު) ދީފައިވާ ކަމަށާއި ފަރިތަކުރުންތައް ކުރިއަށްދާނީ ހެނދުނު 6:30 އިން 8:00 ކަމަށް ބައިކް މޯލްޑިވްސް ބުނެއެވެ.
މި މުބާރާތުގެ ޕާޓްނަރުންނަކީ ދިރާގު، އެޗްޑީސީ، ވިލާ، ޕީއެސްސެމް ޕޮލިސް، އެމްޓީސީސީ އަދި ސިޓީ ރައިޑްސް އެވެ.