ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މިނިސްޓަރު ކަމުގައި ހުންނަވަން ނުފެންނަ ކަމަށް އެމްޑީޕީން ޕާލިމެންޓަރީ ގުރޫޕުން ނިންމައިފި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން އެގޮތަށް ނިންމީ މިއަދު ބޭއްވި އެ ގުރޫޕުގެ ބައްދަލުވުމެއްގަ އެވެ. އެމްޑީޕީން ބުނީ މިއަދު ޕީޖީ ބައްދަލުވުމުގައި ބައިވެރިވި 45 މެންބަރުންގެ އިއްތިފާގުން ޝިދާތާ މަގާމުގައި ހުންނަ ނުފެންނަ ކަމަށް ފާސްކޮށްފައިވާ ކަމަށެވެ.
ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އިސްތިއުފާ ނުދެއްވައިފި ނަމަ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވަނީ މިއަދު ވަނީ ވިދާޅުވެފަ އެވެ.
ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާކަން ޖެންޑާ މިނިސްޓްރީއަށް އެނގިތިބެ، އޭނާއަށް އެ މަގާމާއި ގައުމީ އިނާމުތައް ދީފައިވާ މައްސަލައިގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިސްތިއުފާއަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން މިއަދު ވަނީ ގޮވާލައްވައިފައެވެ.
ހިޝާންއާ އެކު ދިރިއުޅެމުން އަންނަ ކުއްޖެއްގެ ބެލެނިވެރިކަން ހޯދުމަށް އޭނާ ކޯޓަށް ވައްދައިގެން އުޅޭ މައްސަލައިގައި ހައިކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހާމަވެފައިވާ ގޮތުގައި ހިޝާންއަށް އެމްބެސެޑަރުކަން ދިންއިރުވެސް، ހިޝާންގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭކަން ފުލުހުން ވަނީ ޖެންޑާގެ ސަމާލުކަމަށް ގެނެސްފަ އެވެ. އަދި އެ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނެސް، މެންބަރު މީކާއީލް ވަނީ ޖެންޑާގެ އިހުމާލު ބެލުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފައެވެ.
އެ މައްސަލައިގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުން ކަހަލަ ގޮތަކަށް ވަނީ، ޝިދާތާގެ އިސްތިއުފާއަށް ގޮވާލައްވާފަ އެވެ.