ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގް ފެއާރީ ޓެއިލް ކައިވެންޏަށް ފަހު މިހާރު ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވަނީ ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ ކައިވެންޏަށެވެ.
އިންޑިއާގެ ޖޯދުޕޫރުގައި މި ކައިވެނި ކުރެވޭއިރު ހުރިހާ އިންރިޒާމުތަކެއް ދަނީ ހަލުވި ދުވެލީގައި ކުރެވެމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އަންނަ ހަފުތާގައި ކައިވެނީގެ އެކިއެކި ކަންކަން ފެށިގެން ދާނެއެވެ. އޭގެ ތެރޭގައި މެހެންދީ އާއި ސަންގީތު ހިމެނެއެވެ. ޕްރިޔަންކާ އާއި ނިކްގެ ކައިވެނި ކުރާނީ ހިންދޫ ގޮތަށާއި ކްރިސްޓިއަން ގޮތަށެވެ. އެހެންކަމުން ދެ ކައިވެނި ކުރެވިގެންދާނެއެވެ.
ކައިވެނި މިހާ ކައިރި ވެފައިވާއިރު އިއްޔެ ނިކް ވަނީ އިންޑިއާއަށް ދިއުމަށް ދަތުރު ފަށައިފައެވެ. އިންސްޓަގްރާމުގައި އިން ފޮޓޯއެއްގައި ނިކް ހުރީ ފްލައިޓުގައެވެ. ހަބަރުތައް ލިބޭ ގޮތުގައި ނިކް އިއްޔެ ދާނީ ދިއްލީއަށެވެ. އަދި ޕްރިޔަންކާއާ ދެމީހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދާ މޯދީއަށް އެމީހުންގެ ކައިވެންޏަށް ދައުވަތު ދިނުމަށް ދާނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.
މޯދީ ވަނީ މީގެ ކުރިން ބޮލީވުޑް ތަރި އަނުޝްކާ ޝަރުމާ އާއި ކްރިކެޓަރު ވިރާތު ކޯލީގެ ކައިވެނި ހަފްލާގައި ބައިވެރިވެވަޑައިގެންފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކައިވެނީގެ މެހެންދީ އަދި ސަންގީތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 29 އަދި 30 ގައެވެ.