އުރީދޫ މޯލްޑިވްސް އަށް 2019 ވަނަ އަހަރު ލިބުނު 588.6 މިލިޔަން ރުފިޔާ ފައިދާގެ ތެރެއިން ހިއްސާއަކަށް 3.30 ރުފިޔާ ބަހަން ހުށަހަޅަން ނިންމައިފި އެވެ.
އުރީދޫން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކުންފުނީގެ 2019 ވަނަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި އެކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 588.6 މިލިޔަން ރުފިޔާ ލިބިފައިވާ ކަަމަށެވެ.
އުރީދޫގެ ސަބްސިޑަރީ ކުންފުނި ވާފް މެދުވެރިކޮށް ލިބުނު ފައިދާ ހިމެނޭ ގޮތަށް، އުރީދޫ މޯލްޑިވްސް ގްރޫޕަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 598.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ. އަދި އެކުންފުނިން ބުނެފައި ވަނީ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މާޗު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށާއި، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ވަނީ، ކުންފުނީގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި 3.30 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ނިންމާފައި ކަމަށެވެ.
އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެއް ފެބުރުއަރީ 16 ވާ އަންގާރަ ދުވަހުގެ ކުރިން އިއުލާނު ކުރާނެ ކަމަށް އުރީދޫން ބުނެއެވެ.
ވަތަނިއްޔާގެ ނަމުގައި ރާއްޖޭގައި 2005 ވަނަ އަހަރު މޯބައިލް ފޯނުގެ ހިދުމަތް ދޭންފެށި ގަތަރުގެ ކުންފުނިން ރާއްޖޭގައި ހިއްސާ ވިއްކައި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކުރީ 2016 ވަނަ އަހަރު އެވެ.