ޝަހީދާ އަބްދުﷲ ސައީދު
ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އުވާލަން ނިންމާފައި ނުވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އުވާލުމަށް ސަރުކާރުން ނިންމާފައި ނުވާނެ ކަމަށެވެ.
އަދި ރާއްޖެއިން މިއެއްބަސްވުމުގައި ސޮއިކޮށްފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރު ޝާހިދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، 1000 ސަފުހާއަށް ވުރެ ބޮޑު ޑޮކިއުމެންޓެއް ކޮމެޓީން ދިރާސާކުރަން ނެގީ 15 މިނެޓް ކަމަށެވެ. އެމަސައްކަތް ކުރީގެ ސަރުކާރުން މަޖިލީހުގެ ތެރެއިން ކޮށްފައި ވަނީ ވަރަށް އަވަސް އަރުވާލައިގެން ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމްވެފައި އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށާއި، ޗައިނާއާ އެކު އުފެދިފައިވާ ގުޅުން ކެނޑޭ ފަދަ އެއްޗެއް އެއްވެސް މީހަކު ބުނެގެން ނުވާނެ ކަމަށެވެ.
އަދި ރައީސް ސޯލިހުގެ ސަރުކާރުން ވެސް ޗައިނާއާ ގުޅުން ބަދަހިކުރާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
ޗައިނާއާ ރާއްޖެއިން ގުޅުން ބަދަހި ކުރައްވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއިރު، ޗައިނާއަށް ވަރަށް އަވަހަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިދަތުރުފުޅުގައި ވިޔަފާރީގެ އެއްބަސްވުމާއި، ޗައިނާއިން ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތަކުގެ އިތުރުން ޗައިނާއިން ނަގާފައިވާ ލޯނުތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
ޗައިނާ އެކު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އުވައިލަން މި ސަރުކާރުން ނިންމާފައިވާ ކަމުގެ އަޑުތަކެއް ދާދި ފަހުން ވަނީ ފެތުރިފަ އެވެ.