ކުޑަކުދީންނަށް ކުރާ އަނިޔާ

ހާއްސަ އެހީއަށް ބޭނުންވާ ޒުވާނާ އަދިވެސް ހުރީ ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ހިޝާންގެ ބެލުމުގެ ދަށުގައި: ނަޝީދު

އިބްރާހިމް ޒަކީ

ބެލެނިވެރިކަން ހަވާލު ނުކުރުމަށް ފެމިލީ ކޯޓުން ހުކުމް ކުރި، ހާއްސަ އެހީއަށް ބޭނުންވާ ޒުވާނާ އަދިވެސް ހުރީ، ޖިންސީ ގޯނާގެ ތުހުމަތުތައް ކުރެވޭ ގ. ނީރުވީކް އަހުމަދު ހިޝާންގެ، ބެލުމުގެ ދަށުގައި، ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، އެކުއްޖާ މިހާރު ހުރިތަނެއް ނޭނގިގެން ކަންބޮޑުވެ ވަޑައިގެން މެންބަރުން ފާޅުކުރެއްވި ޝުއޫރުތަކާ ގުޅިގެން، މަޖިލީހުގެ އަމީން އާއްމު މެދުވެރި ކުރައްވައި އެކުއްޖާ ވީ ހިސާބެއްް އޮޅުން ފިލުއްވުމަށްފަހު މަޖިލީހުގެ މެންބަރުންނަށް އެކަން އޮޅުން ފިލުއްވައި ދެއްވަމުންނެވެ.

ފެމިލީ ކޯޓުން ކޮށްފައިވާ ހުކުމާ ހިލާފަށް، ޖިންސީ ގޯނާގެ ތުހުމަތުތައް ކުރެވޭ ގ. ނީރުވީކް އަހުމަދު ހިޝާންގެ، ބެލުމުގެ ދަށުގައި، ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ހުރި މައްސަލައިގައި އިހުމާލުވާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފައެވެ.

މި ކުއްލި މައްސަލަ ހުށަހަޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

މި މައްސަލައަށް ވާހަކަ ދެއްވި މެންބަރުންގެ ތެރެއިން ބައެއް މެންބަރުން ވިދާޅުވީ، އެފަދަ ކަމެއް ހިނިގާފައި ވާއިރު އެކުއްޖާ އަދިވެސް ހުރީ އޭނާގެ ބެލުމުގެ ދަށުގައިތޯ، ނުވަތަ އެކުއްޖާ ވީ ކޮންތާކުތޯ، ބަލަންޖެހޭ ކަމަށެވެ.

މި މައްސަލައަށް ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާ އީވާ އަބްދުﷲ ވެސް ވަނީ މިހާރު އެކުއްޖާ ވީ ތަނަކާ ބެހޭގޮތުން ސުވާލު އުފައްދަވައިފައެވެ.

މި މައްސަލައަށް ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ، އެކުއްޖާ ވީތަނެއް ސަރުކާރަށް ވެސް ނޭނގޭ ކަމަށް މައުލޫމާތު ލބިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން އެކުއްޖާ މިހާރު ވީ ތަނަކާ ބެހޭގޮތުން ސުވާލު ކުރައްވަން ބޭނުން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ވިޔަސް އަދި އެނޫން ފަރާތަކުން ވިޔަސް އެކުއްޖާ ހުރިތަން ހޯދައި ދިނުމަށް އެދޭ ކަމަށްވެސް ހަސަން ލަތީފު ވިފާޅުވިއެވެ.

"އަޅުގަނޑު މިއަދު ސުވާލުކުރަން ބޭނުންވޭ މިވަގުތު ކޮބައިތޯއޭ އެ ނުކުޅެދުންތެރިކަން ހުރި ޒުވާނާ، އަޅުގަނޑުމެންނަށް، ކަންކަން މަތިން ދެކެވޭ ވާހަކަތަކުންނާއި އެކި ގޮތްގޮތުން ލިބޭ މައުލޫމާތު ތަކުން އެނގެނީ މިވަގުތު އޭނާވީ ތަނެއް ސަރުކާރަަކަށް ނޭނގެއޭ، އިއްޒަތްތެރި ރައީސް އަޅުގަނޑު އެދެން މި މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ވިޔަސް، އަދި އެނޫން ފަރާތްތަކުން ވިޔަސް އޭނާ ހުރިތަނެއް ހޯދައި ދިނުމަށް،" ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފުގެ ވާހަކައިގައި ކުރެއްވި ސުވާލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ ނުކުޅެދުންތެރިކަން ހުންނަ ކުއްޖާ ވީތަނެއް އެނގުމަކީ މެންބަރުން ބޭނުންވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެހެންކަމުން އެ ކުއްޖާ ވީ ތަނެއްގެ މައުލޫމާތު އޮޅުން ފިލުއްވުމަށް މަޖިލިސް ރައީސް މަޖިލީހުގެ އަމީން އާއްމަށް އެންގެވިއެވެ.

އެކަން އޮޅުން ފިލުއްވުމަށްފަހު، އަމީން އާއްމު އެކަން މަޖިލީހުގެ ރައީސަށް ދެންނެވުމުން، މަޖިލިސް ރައީސް މަޖިލީހަށް އަންގަވަމުން މަޖިލިސް ރައީސް ވިދާޅުވީ "ހިތާމައާ އެކީ ދަންނަވަން ޖެހެނީ އެ ކުޑަ ކުއްޖާ ނުވަތަ ނުކުޅެދުންތެރިކަން ހުރި ކުއްޖާ އެއީ ގާނޫނީ ގޮތުން ކުޑަ ކުއްޖެއްގެ ގޮތުގައި ބެލެވޭ ކުއްޖެއް އޭނާ އަދިވެސް ހުރީ އަހުމަދު ހިޝާން ކައިރީގައި،" ކަމަށެވެ