އިބްރާހިމް ޒަކީ
ކ. އަތޮޅު ދިއްފުށީ ސްކޫލު ކުއްޖަކަށް، އެކުއްޖާގެ ބޮޑުބޭބެ ޖިންސީ ގޯނާ ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވެއްޖެ އެވެ.
މެންބަރު ނަސީމް މިހެން ވިދާޅުވީ މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި، ވާހަކަދައްކަވަމުންނެވެ.
ނަސީމު މިހެން ވިދާޅުވީ ބެލެނިވެރިކަން ނުދޭން ފެމިލީ ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، ޖިންސީ ގޯނާގެ ތުހުމަތުތައް ކުރެވޭ ގ. ނީރުވީކް އަހުމަދު ހިޝާންގެ، ބެލުމުގެ ދަށުގައި، ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ހުރި މައްސަލައިގައި އިހުމާލުވާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ ކުއްލި މައްސަލައިގެ ބަހުސްގައެވެ.
ނަސީމު ވިދާޅުވީ، އެކުއްޖާގެ ބައްޕަގެ ކޮއްކޮ އެކުއްޖާއަށް ޖިންސީ ގޯނާ ކުރާވާހަކަ އެ ރަށު ސްކޫލްގެ ކުޑަ ކުއްޖަކު އެ ކުއްޖާގެ ރަށްޓެހި ކުދިންނަށް ކިޔައިދެމުންދާ ކަމަށެވެ. އަދި އެއީ އެނގިގެން ސިއްރު ކޮށްގެން އުޅޭ ކަމެއް ކަމަށާއި، އެކަން ސިއްރު ކޮށްގެން އުޅެނީ އެކުއްޖާގެ ބައްޕަގެ ވިޔަފާރި ހިންގަނީ އޭނާގެ ކޮއްކޮ ކަމުން އެ ކުއްޖާގެ ބައްޕައަށް އޭނާގެ ކޮއްކޮ ދޫކޮށްލެވެން ނެތުމުން ކަމަށްވެސް ވިދާޅުވިއެވެ.
"ހުދު އަޅުގަނޑުމެންގެ ރަށުގައި ވެސް މިކަހަލަ މައްސަލައެއް އެބަ އުޅޭ، ސްކޫލުގެ މައުސޫމް ކުޑަ އަންހެން ކުއްޖަކު އެބަ ކިޔައިދޭ އޭނާގެ ރައްޓެހި ކުދިންނަށް ތިމަންނާގެ ބައްޕަގެ ކޮއްކޮ، ތިމަންނާއަށް އެބަ ޖިންސީ ގޯނާ ކުރެއޭ، އެހެން ނަމަވެސް އެ ބައްޕަޔަކަށް ނެތް އެ ކޮއްކޮ، ދޫކޮށްލެވޭކަށް ބައްޕަގެ ވިޔަފާރި ކުރަމުން އެ ކޮއްކޮ އެދަނީ،" ނަސީމު ވިދާޅުވިއެވެ.
މެންބަރު އިތުރަށް ވިދާޅުވީ، އެކަން ސިއްރު ކުރެވިފައި ވަނީ، ވަރަށް ވަރުގަދަ ކޮޅު ތަކަކާއި އެމީހުން ގުޅިފައިވާތީ ކަމަށެވެ.
"މިމީހުން ތިބީ ވަރަށް ވަރުގަދަ ކޮޅުތަކާ ގުޅިފައި، އެހެންވީމާ އެކަން އެއޮތީ ސިއްރުކޮށްފަ، ދެން އަޅުގަނޑު މިވާހަކަ ދެއްކި ވާހަކަ އެއްވެސް ބޭފުޅަކު ވިދާޅު ނުވާތި، އެއީ ސިއްރު ކޮށްފަ އޮތްކަމެއް ވީމަ،" ނަސީމު ވިދާޅުވިއެވެ.
ނަސީމް އިތުރަށް ވިދާޅުވީ ދައުލަތުގެ އިސްވެރިން އިސް ނަންގަވައިގެން ރާއްޖޭގެ ހުރިހާ މަދަރުސާތަކުގެ ކުދިންނާ ރަނގަޅަށް ވާހަކަ ދައްކައިފިނަމަ އަޖައިބުވެ އަންތަރީސްވާ ވަރުގެ މައްސަލަތައް ފެންމަތިވެގެންދާނެ ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި ދައުލަތުގެ އިސްވެރިން އިސްނަންގަވައި، މިރާއްޖޭގެ ހުރިހާ މަދަރުސާތަކުގައި ތިބި ކުދިންނާ ރަނގަޅަށް ވާހަކަ ދެކެވިއްޖެނަމަ އެކުދިންނަށް އެއްވެސް ކަހަލަ ބިރުވެރިކަމެއް ދިރިއުޅޭ މާހައުލުން ދިމާވޭތޯ އަހައި އޮޅުންފިލުވައިފި ނަމަ އަޖައިބު އަންތަރީސް ވާވަަރަށް މައްސަލަތައް ހާމަވެގެންދާނެ،" މަޖިލިސް މެންބަރު ވިދާޅުވިއެވެ.
މެންބަރު ނަސީމް މި ވާހަކަ ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ އަށުގެ ކައުންސިލް ރައީސް އާއި ސްކޫލް ޕްރިންސިޕަލްގެ އިތުރުން، ރަށު ކޯޓުގެ މެޖިސްޓްރޭޓަށް ގުޅައިގެން އެކަން އޮޅުން ފިލުއްވުމަށް މަޖިލީހުގެ އަމީން އާއްމަށް އަންގަވައިފައެވެ.