އިބްރާހިމް ޒަކީ
ކޯޓުން ބެލެނިވެރިކަން ހަވާލު ނުކުރުމަށް ހުކުމް ކޮށްފައި ވަނިކޮށް، ޖިންސީ ގޯނާގެ ތުހުމަތުތައް ކުރެވޭ ގ. ނީރުވީކް އަހުމަދު ހިޝާންގެ، ބެލުމުގެ ދަށުގައި، ހާއްސަ އެހީއަށްބޭނުންވާ ކުއްޖާ ހުރި މައްސަލައިގައި ޖެންޑާ މިނިސްޓްރީ އިހުމާލު ވެފައިވާ ކަމަށް ބުނެ ޝިދާތާ ޝަރީފު މިނިސްޓަރުކަމުގެ މަގާމުން ވަކި ކުރަން މަޖިލިސް މެންބަރުން ގޮވާލައިފި އެވެ.
މަޖިލިސް މެންބަރުން މިކަމަށް ގޮވާލެއްވީ، ބެލެނިވެރިކަން ނުދިނުމަށް ފެމިލީ ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، ޖެންޑާ މިނިސްޓްރީއަށް އެކަން އެނގިހުރެ، ކުޑަކުދިންނާ ބެހޭ ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވާ ގ. ނީރުވީކް އަހުމަދު ހިޝާންގެ، ބެލުމުގެ ދަށުގައި، ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު މިހާތަނަށް ހުރި މައްސަލައިގައެވެ.
މިކަމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން އެ މައްސަލަ ހުށަހެޅުއްވި މެންބަރު ގަލޮޅު ދެކުނުދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ވިދާޅުވީ، ކުޑަކުދިންގެ ކަންތަކުގައި ޖެންޑާ މިނިސްޓްރީން އިހުމާލު ވެފައިވާ މިންވަރު އެމައްސަލައިން އެނގިގެންދާ ކަމަށެވެ.
އެހާ ބޮޑު އިހުމާލެއް ވެފައިވާއިރު، އެ ވުޒާރާ ހިންގަވަން ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން މިނިސްޓަރު ޝިދާތާ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި، ދުނިޔޭގެ ލަދަށްވެސް މިނިސްޓަރު އިސްތިއުފާ ދެއްވަން ޖެހި ވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިނިސްޓަރު އިސްތިއުފާ ނުދެއްވައިފިނަމަ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓަށް ދާން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެކަމުގައި އިހުމާލުވާ ފަރާތްތައް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް މައްސަލަ ބަލައި ރިޕޯޓެއް އެކުލަވާލައި ރައީސުލް ޖުމްހޫރިއްޔާއަށް ފޮނުވާން ޖެހޭ ކަމަށެވެ. އަދި މިކަމުގައި ޖެންޑާ މިނިސްޓްރީގެ އިހުމާލު އޮތްކަން އިރުގެ އަލި ފަދައިން އެނގެން އޮތް ކަމަށާއި، ޝިދާތާ އަކީ އެފަދަ މިނިސްޓްރީއެއް ހިންގުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޖެހި ވަޑައިގަންނަވާނީ، ޝިދާތާ މިނިސްޓަރުކަމުގެ މަގާމުން ވަކި ކުރައްވަން ކަމަށާއި، އެއީ ކޮންމެ ޕާޓީއަކުން ވަޑައިގެން ހުންނެވި ބޭފުޅެއް ނަމަވެސް އަދި ސަރުކާރު ކޯލީޝަން ރޫޅާލަން ޖެހުނަސް އެކަން ކުރަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އެ މައްސަލަ ތަހުގީގުކޮށް ޖިނާއީ މައްސަލައެއް އޮތް ނަމަ އެކަންވެސް ބަލަން ފޮނުވަން ޖެހޭ ކަމަށެވެ.
މި މައްސަލައިގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ، ކުއްޖާގެ ބެލެނިވެރިކަން ހިޝާންއަށް ނުދޭން ފެމިލީ ކޯޓުން އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ ކަމުގައި ސީރިއަސް މައްސަލަތަކެއް ހުރުމުން، އެ މައްސަލައަށް ތަދައްހުލުވާން ހައިކޯޓުން ޖެންޑާ މިނިސްޓްރީއަށް އެންގި ނަމަަވެސް މިނިސްޓްރީން އެކަން ކޮށްފައި ނުވާ ކަމަށެވެ.
އީވާ ވިދާޅުވީ، އެކަމުގައި ބިރުވެރި ސުވާލުތަކެއް އުފެދޭ ކަމަށާއި، އެކަމަށް މިނިސްޓްރީން ތަދައްހުލު ނުވީ ބާރުގަދަ ކޮން ފަރާތްތަކެއްގެ ކޮން ކަންތައްތަކެއް ފޮރުވަންތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި މިހިސާބަށް މި ތިބީ ބަލަން ކަމަށް ވިދާޅުވެ މިނިސްޓަރު އިސްތިއުފާ ދެއްވުމަށް، އީވާ ގޮވައިލެއްްވިއެވެ.
އީވާ ވިދާޅުވީ އިސްތިއުފާ ނުދެއްވައިފިނަމަ މަޖިލީހުން މިނިސްޓަރު ވަކިކުރަން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
މި މައްސަލައިގައި ޖެންޑާ މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލެއްވި ބައެއް މެންބަރުން ވިދާޅުވީ، ޝިދާތާ ރައީސް އިބްރާހިިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި މުޅި އެމްޑީޕީ، ލަދުގަންނަވާލާފައިވާ ކަމަށެވެ.