ގަވައިދާ ހިލާފަށް މުވައްޒަފުން ވެއްދުމާއި ވަކިކުރުމާއި އެނޫން ވެސް ބައެއް މައްސަލަތަކުގެ ތުހުމަތުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ބައެއް މެންބަރުން މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.
މިއަދު ހެނދުނު 11:00ގައި އޮންނަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހާޒިރުކުރަން ނިންމާފައި ވަނީ، ސީއެސްސީގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި މެންބަރުން ކަމަށްވާ ޒަކަރިއްޔާ ހުސެއިން އަދި އިބްރާހީމް ޝަހީގު އެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ރައީސާ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވީ، އެ ތިން މެންބަރުން ހާޒިރުކުރަނީ މިދިޔަ ފަސް އަހަރު ތެރޭ ގަވާއިދާ ހިލާފަށް ސީއެސްސީން ނިންމާފައިވާ ކަންކަން ކަމަށް ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން ކަމަށެވެ.
ރޮޒޭނާ ވިދާޅުވީ، ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި، މިދިޔަ ފަސް އަހަރު ތެރޭ، ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ 90 މުވައްޒަފަކު ވަކި ކުރި މައްސަލައާއި ޕާމަނެންޓު ސެކްރެޓަރީން ނަގާ ކޮންމެ ފަހަރަކު އެކަމަށް އޮންނަ ޝަރުތުތައް ބަދަލުކުރާ ކަމަށް ބުނާ މައްސަލަ އާއި ކޮމިޝަންގެ ނައިބު ރައީސް، ކަމަށް ޝަހީދު މުހައްމަދު ހޮވާފައި ވަނީ ޝަރުތު ހަމަ ނުވަނީސް ކަމަށް ބުނާ މައްސަލައެއް ހިމެނޭ ކަމަށެވެ.
"މި މައްސަލަތައް އަޅުގަނޑުމެން މި އައީ މަޖިލީހުގެ މިދިޔަ ދައުރުން ފެށިގެން ވެސް ބަލަމުން. އޭރު ސީއެސްސީގެ ރައީސް ޝަމީމް
ވަނީ ކޮމެޓީއަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީ ވެވަޑައިގެންފަ. ކުރީ ދައުރު ނިމިގެން ދިޔަ އިރު މި ތިން ބޭފުޅުން ހާޒިރުކުރެވޭ ގޮތެއް ނުވި. އެކަމަކު މިއަދުގެ ކޮމެޓީ ބައްދަލުވުމަށް ވާނީ މި ތިން ބޭފުޅުންނަށް ވެސް ކުރީން ނޯޓިސް ފޮނުވާފަ." ރޮޒޭނާ ވަން އަށް ވިދާޅުވި އެވެ.