އުމުރުން 38 އަހަރުގައި ވެސް ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗްއަކީ ޗެމްޕިއަނެއް ކަމަށް ބެލްޖިއަމްގެ ފޯވަޑް ރޮމެލޫ ލުކާކޫ ބުނެފިއެވެ.
މީގެ ކުރިން އިބްރަހިމޮވިޗް އާއި ލުކާކޫ ވަނީ އެކުގައި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފައެވެ. ނަމަވެސް މިހާރު ލުކާކޫ ކުޅެނީ އިޓަލީގެ އިންޓަ މިލާނަށެވެ. އަދި އިބްރަހިމޮވިޗް ކުޅެނީ އިންޓަގެ ވާދަވެރި އޭސީ މިލާނަށެވެ.
މިދިޔަ ސީޒަނަށްފަހު ޔުނައިޓެޑު ދޫކޮށް އިންޓައާ ގުޅުނު ލުކާކޫ އަންނަނީ އިންޓަ މިލާނުގައި މޮޅު ކުޅުމެއް ދައްކައި، އެކްލަބަށް ގިނަ ލަނޑުތަކެއް ކާމިޔާބުކޮށްދެމުންނެވެ. އަދި އެމެރިކާގެ އެލްއޭ ގެލެކްސީ ދޫކޮށް އޭސީ މިލާނާ ގުޅުނު ތަޖުރިބާކާރު ފޯވަޑް އިބްރަހިމޮވިޗް ވެސް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
އިބްރަހިމޮވިޗްއާ ގުޅޭގޮތުން ލުކާކޫ ބުނީ އިޓަލީގައި އިބްރަހިމޮވިޗް ވިދާލާނެކަމާ މެދު ޝައްކު ނުކުރާ ކަމަށާއި ޔުނައިޓެޑުގައި ހޭދަކުރި ދުވަސްތަކުގައި އޭނާގެ ފަރާތުން ގިނަ ކަންތައްތަކެއް ދަސްވެފައިވާ ކަމަށެވެ.
"އިބްރަހިމޮވިޗްއަކީ ޗެމްޕިއަނެއް. އަހަރެން އޭނާއަށް އިހުތިރާމުކުރަން. އޭނާއާ ދެކޮޅަށް ކުޅުމަށް އަހަރެން އުފާކުރާނަން. އުމުރުން 38 އަހަރުގައި ވެސް އޭނާފެ ފަރާތުން މޮޅު ކުޅުމެއް ފެނުމަކީ އަހަރެން ހައިރާންވާ ކަމެއް ނޫން. އިބްރަހިމޮވިޗްއަކީ ވަރަށް މަސައްކަތްކުރާ ކުޅުންތެރިއެއް. ޔުނައިޓެޑުގައި އޭނާ އަހަރެންނަށް ގިނަ ނަސޭހަތްތަކެއް ދިން،" އޭނާ ބުންޏެވެ.
އިޓާލިއަން ސެރީއާގައި އަންނަ އާދީއްތަ ދުވަހުގެ ރޭ އޭސީ މިލާނާއި އިންޓަ މިލާން ބައްދަލުކުރާނެއެވެ. އެ މެޗަށް ނުކުންނަ އިރު، އިންޓަ މިލާން އޮތީ ކުޅުނު 22 މެޗުން ލިބުނު 51 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އަދި އޭސީ މިލާން އޮތީ 22 މެޗުން ލިބުނު 32 ޕޮއިންޓާއެކު ތާވަލުގެ އަށްވަނައިގައެވެ. ސެރީއާގެ ތާވަލުގެ އެއްވަނައިގައި އޮތީ 22 މެޗުން 54 ޕޮއިންޓް ހޯދި ޔުވެންޓަސްއެވެ.