ބޮލީވުޑް

އާލިއާގެ ބަކެޓް ލިސްޓު: ޕްރިވެޓް ޖެޓެއް އަދި ފަރުބަދަމަތީ ގެއެއް

ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ނުކުތް އާލިއާ ބަޓް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ މަގުބޫލު ބަތަލުންގެ ލިސްޓުން ޖާގަ ހޯދާފައެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ރިލީސްކޮށްފައި ވާއިރު އާލިއާގެ ގިނަ ފިލްމުތަކެއް ކުރިއަށް ވެސް އެބަހުއްޓެވެ. އާލިއާއަކީ ބޮލީވުޑްގައި މިވަގުތު އެންމެ ބޮޑު އާމުދަނީއެއް ލިބޭ އެންމެ ހަގު ބަތަލާއެވެ.

މީޑިއާއަކަށް ދިން އިންޓަވިއެއްގައި އާލިއާ ވަނީ އޭނާގެ ދިރިއުޅުމާ ބެހޭ ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ. އެގޮތުން ޓީނޭޖް އުމުރުގައި އަތުގައި ފައިސާ ނުހުންނަ ވާހަކައާއެކު އޭރު މަންމަ އަދި ދައްތައާއެކު ލަންޑަނަށް ޗުއްޓީ ހޭދަކުރަން ދާ ވާހަކަ އާލިއާ ކިޔައިދީފައި ވެއެވެ.

ފައިސާގެ ކަންތައްތަތަކަކީ އެހާ ބޮޑަށް އެނގޭ ކަންތައްތަކެއް ނޫންކަމަށް ބުނަމުން އާލިއާ ބުނީ އެކަމަކު ފައިސާ ގެންގުޅެން ދަސްކުރަން ބޭނުންވާ ކަމަށެވެ. އާލިއާ އަކީ ހަރަދު ބޮޑު ތަރިއެއްނޫން ކަމަށްވެ އެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ފެންސީ ދަބަހެއް ނުވަތަ ޖިމް ހެދުން ގަންނަ ކަމަށް އާލިއާ ބުނިއެވެ.

މުމްބާއީ އާއި ލަންޑަނުން އަމިއްލަ ގެއެއް ގަނެ މިލްކު ކުރަން އޭނާގެ ބަކެޓް ލިސްޓުގައި މިހާރު ފާހަގަ ލާފައިފައިވާއިރު ދެން ބޭނުންވަނީ ޕްރިވެޓް ޖެޓެކާއި ފަރުބަދަމަތިން ގެއެއް ކަމަށް ވެސް އާލިއާ ބުންޏެވެ.

އާލިއާ އެންމެ އަވަހަށް ފެނިގެން ދާނީ އޭނާގެ ބައިވެރިޔާ ރަންބީރު ކަޕޫރާއެކު "ބްރާމަސްތުރާ" އިންނެވެ. އެ ފިލްމުގައި އަމީތާބް ބަޗަން، ޑިމްޕަލް ކަޕާޑިޔާ އަދި މޯނީ ރޯއީ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. އަދި ޝާހުރުކް ޚާންގެ ހާއްސަ ކިމޯއެއްވެސް ފިލްމުން ފެންނާނެ ކަމަށްވެއެވެ.

އޭގެ ފަހުން އަޖޭ ދޭވްގަން އާއެކު ފިލްމު "ޓްރިޕަލް އާރް" އިންވެސް އާލިޔާ ފެނިގެން ދާނެއެވެ. އަދި "ގަންގޫބާއި ކާތިއަވާދީ"ގައި އާލިއާގެ ތަފާތު ހުނަރެއް ފެންނާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ވަނީ ބުނެފައެވެ.