ކުޅިވަރު

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އިންޝުއަރެންސް ސްކީމެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

އައިދާ އަބްދުލް ހަކީމް

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދިމާވާ ކުޅިވަރުގެ އަނިޔާތަކަށް ފަރުވާދެވޭނެ އިންޝުއަރެންސް ސްކީމެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން އިއުލާނު ކޮށްފިއެވެ.

ޔޫތު މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ގައުމީ ޓީމު އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވާ ކުޅުންތެރިންނާއި އޮފިޝަލުންނަށް މެޑިކަލް އިންޝުއަރެންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 13 ޖަނަވަރީ 2020ގައި އިއުލާނު ކުރި ކަމަށެވެ.

ނަމަވެސް 13 ޖަނަވަރީ 2020ގައި ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން އިއުލާން ކުރާކަމަށެވެ. މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ފަހުން ހުޅުވާލި ފުރުސަތުގެ ސުންގަޑިއަކީ މި މަހުގެ ނުވައެއް ވާ އާދީއްތަ ދުވަހުގެ 11:30އެވެ. މައުލޫމާތު ސާފުކުރައްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން އިއްޔެ ބޭއްވި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދިމާވާ ކުޅިވަރުގެ އަނިޔާތަކަށް ފަރުވާދެވޭނެ އިންޝުއަރެންސް ސްކީމެއް ތައާރަފުކޮށް މިއަހަރުގެ ތެރޭގައި އެ ހިދުމަތް ލިބެން ފަށާނެ ކަމަށް ވިދާޅުވެފައެވެ.

ގައުމީ ޓީމުތަކަށް އިންޝުއަރެންސް ސްކީމެއް ދޭން ނިންމާފައިވާ އިރު، ގައުމީ ޓީމަށް މަދުވެގެން ފަސް އަހަރު ކުޅެފައިވާ ކުޅުންތެރީން ރިޓަޔަކުރުމުން ދިރިއުޅުމަށް ޓަކައި އެހެން މަސައްކަތެއް ފެށުމަށް އެހީތެރިވެދިނުމުގެ ގޮތުން މި އަހަރުގެ ތެރޭ ލޯނު ސްކީމެއް ތައާރަފުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.