ޕީޕީއެމް

ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް އީސީ އިން ބަލައިގަންނަން ޖެހޭ ކަމަށް ހައިކޯޓުން ހުކުމްކޮށްފި

ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ޕީޕީއެމްއިން ބޭއްވި އެޕާޓީގެ ކޮންގްރެސްގައި ނިންމި ނިންމުންތައް ބަލައިގަނެ، 24 ގަޑިއިރުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފުތަރުގައި ރަޖިސްޓްރީ ކުރުމަށް ހައިކޯޓުން އީސީގެ މައްޗަށް އަމުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްގެ ކޮންގްރެސް ބަލައިގެންފައި ނުވަނީ ޤާނޫނާއި، ގަވާއިދުތަކުގެ އިތުރުން އުސޫލުތަކާ ހިލާފަށް ބާއްވާފައިވާ ކޮންގްރެސްއަކަށް ވާތީއާއި، އިޖުރާއަތުތައް ފުރިހަމަ ވެފައި ނުވާ ކަމަށްބުނެއެވެ.

އެ މައްސަލައިގައި ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ މިއަދު މެންދުރު 13:45 އިން ފެށިގެން 24 ގަޑިއިރުތެރޭގައި ޕީޕީއެމް ކޮންގްރެސްގެ ނިންމުންތަކާއި އަސާސީ ގަވާއިދަށް ގެނައި ބަދަލުތަކާއި މަގާމުތަކަށް ގެނައި ބަދަލުތައް ދަފްތަރުގައި ހިމަނަން އީސީގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

އަދި މިދިޔަ ސެޕްޓެމްބަރު މަހުގެ 28 އަދި 29 ގައި ޕީޕީއެމުުން ހާއްސަ ގޮތެއްގައި ބޭއްވި ކޮންގްރެސް ބާއްވާފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާއި އެއްގޮތަށް ކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ވިދާޅުވެފައިވެއެވެ.

ހައިކޯޓުގެ ހުކުމުގައި ވަނީ ކޮންގްރެސްގައި ވޯޓިން ބޫތު ބަހައްޓާފައިވާ ގޮތާ ގުޅިގެން އީސީން އެއީ ގަވާއިދާއި ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ބުނި ނަމަވެސް ވޯޓިން ބޫތު ވަކި ގޮތަކަށް ބަހައްޓަން ބުނެފައިވަނީ ވޯޓުގެ ސިއްރުކަން ނުގެއްލޭ ގޮތަށް އަމަލުކުރުމަށް ކަމަށާއި އެކަން ކަށަވަރު ކުރުމުގެ ގޮތުން ރިޔާސަތުން ފިޔަވަޅު އަޅާފައިވާކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން ވޯޓު ކަރުދާސް އެހެން މީހުންނަށް ނުދެއްކުމަށާއި އެހެން މީހުން ފާހަގަޖަހާތަން ނުބެލުމަށް އަންގާފައިވާކަން ވެސް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ޕީޕީއެމްގެ ދަފްތަރުގައި ނެތް އެތައް ބަޔަކު ޕީޕީއެމް ކޮންގްެރެސްގައި ވޯޓު ލާފައިވާ ކަމަށް އީސީން ބުނި ނަމަވެސް އީސީގައި އޮންނަ ޕީޕީއެމް ދަފްތަރަށް ވުރެ އަޕްޑޭޓް ވާނީ ޕީޕީއެމްގައި އޮންނަ ދަފްތަރު ކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ވިދާޅުވެފައިވެއެވެ. ނަމަވެސް އީސީން ޕީޕީއެމްގެ ދަފްތަރު ބަލާފައި ނުވާ ކަމަށް އީސީން ކޯޓުގައި ވިދާޅުވެފައިވާ ކަމަށާއި އަދި އީސީން ބުނާ ޕީޕީއެމްގައި ނެތް މެމްބަރުންނަކީ ޕީޕީއެމްގެ ދަފްތަރުގައި ހިމެނިފައިވާ މީހުންކަން ނުވަތަ ނޫންކަން އީސީން ކަށަވަރުކޮށްދީފައިނުވާ ކަމަށްވެސް ހުކުމުގައި ވިދާޅުވެފައިވެއެވެ.

އަދި ޕީޕީއެމް އިން ކުރި އިއުލާނުގައި ތިން ނައިބު ލީޑަރުން ނަގަން އިއުލާން ކުރުމަށްފަހު ކޮންގްރެސްގައި ހަތަރު ނައިބު ލީޑަރުން އިންތިހާބު ކުރީ އަސާސީ ގަވާއިދާއި ހިލާފަށް ކަމަށް އީސީން ބުނި ނަމަވެސް، އެ އިއުލާނަކީ ޕީޕީއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރުމުގެ ކުރިން ކޮށްފައިވާ އިއުލާނެއްކަން ވެސް ހައިކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް ބާތިލުކުރަން އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި، ޕީޕީއެމްއިން ބޭއްވި ކޮންގްރެސްގެ ނިންމުންތައް ބަލައި ނުގަތުމަށް އީސީން ނިންމާފައިވާއިރު، ޕީޕީއެމްގެ އަސާސީގަވާއިދަށް ގެނައި އިސްލާހުތަކަށާއި، ގަވާއިދުތަކުގެ އިތުރުން ކޮންގްރެސްގެ ޔައުމިއްޔާއަށް އީސީން ބަލާފައި ނުވާކަން އެނގެން އޮތްކަމަށް ހުކުމުގައި ވެއެވެ.

އެމައްސަލައިގައި ހުކުމް އިއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ އީސީން މައްސަލައެއް އޮތްނަމަ ހުށަހަޅަން ފުރުސަތު ލިބުނު ކަމަށާއި، ނަމަވެސް އެއިން އެއްވެސް ކަމެއް ނުކުރައްވައި، ކުއްލިއަކަށް ކޮންގްރެސްގެ ނިންމުންތައް ބާތިލުކުރަން ކޯޓަށް ހުށަހެޅި ކަމަށެވެ.

އަދި ހައިކޯޓުގެ އެނިންމުމުގެ ސަބަބުން ޕީޕީއެމްއަށް ލިބިގެން ދިޔައީ އިތުރު ހިތްވަރެއް ކަމަށް ޝިޔާޒު ވިދާޅުވިއެވެ.

ޝިޔާޒުގެ އިތުރުން ޕީޕީއެމްގެ ކައުނސިލް މެންބަރު މުހައްމަދު ތޮލާލު ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސްގައި ޕާޓީން އަމަލުކުރަމުން ދިޔައީ ގާނޫނުތަކާއި އަސާސީ ގަވާއިދުގެ ތެރެއިން ކަމަށެވެ. އެކަން މިއަދުގެ ހުކުމް ހާމަވެގެން ހިނގައްޖެ ކަމަށް ވިދާޅުވިއެވެ.

ތޮލާލު ވިދާޅުވީ އީސީގެ އެ އަމަލުތަކުން ޒާތީ ތަޢައްސުބުން ފުރިގެންވާ ފަދަ ގޮތަކަށް ޕީޕީއެމްއާ މެދު ދެކޭކަން ހާމަވެގެން ދިޔަ ކަމަށެވެ. އަދި ހައިކޯޓުގެ ހުކުމާއެކު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް ބަލައިގަނެ، އީސީގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ލާޒިމުވާނެ ކަމަށް ތޮލާލު ވިދާޅުވިއެވެ.

ޕީޕީއެމްގެ ކޮންގްރެސްގައި އެޕާޓީގެ ރައީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން، އަދި ނާއިބު ރައީސް ކަމަށް ހަތަރު ބޭފުޅަކު އިންތިޚާބުކޮށްފައި ވެއެވެ. ނާއިބު ރައީސުންގެ ގޮތުގައި އިންތިޚާބުކޮށްފައިވަނީ މުހައްމަދު ސައީދުއާއި، އަބްދުއްރަހީމް އަބްދުﷲއާއި، މޫސާ ޒަމީރުއާއި، އާއިޝަތު އާޒިމާ ޝަކޫރުއެވެ.