ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބު 45 ދުވަހުގެ ތެރޭގައި ބާއްވާނެ ކަމަށް އެ ސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ބައްސާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެފްއޭއެމްގެ އިންތިހާބު 45 ދުވަސް ތެރޭގައި ބޭއްވުމަށް އެސްކޯ އަށް ހުށަހެޅުއްވުމުން އެކަން ބަލައިގެންގަފައިވާ ކަމަށެވެ.
ބައްސާމް ވިދާޅުވީ އިންތިހާބު އަވަސްކުރައްވަނީ ފުޓްބޯޅައިގެ ލީޑަޝިޕެއް ހޯދުމުގެ ފުރުސަތު ކްލަބުތަކަށާއި ފުޓްބޯޅަ އާއިލާތަކަށް ދިނުމުގެ މަގުސަދުގައި ކަމަށެވެ. އެހެންކަމުން އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ އެންމެންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި މިކަން ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކުރުމަށްޓަކައި ދެފުށްފެންނަ އިންތިހާބަކަށް ހެދުމަށްޓަކައި ފީފާ އާއި އޭއެފްސީގެ އޮބްސާވަރުން އިންތިހާބު މޮނީޓާ ކުރައްވާނެ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.
އަވަސް އިންތިހާބެއް ބާއްވަން ބައްސާމް ނިންމަވާފައިވާއިރު ފުޓުބޯޅައަށް ސަޕޯޓްކުރާ ބައްސާމާ އިދިކޮޅު ފަރާތަކުން ދަނީ ބައްސާމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.