މާލެ ތިލަފުށްޓާ ހަމަޔަށް ގުޅާލުމަކީ ރައީސް ނަޝީދުގެ ސަރުކާރުގެ ތަސައްވަރެއް ކަމަށާއި އެކަން ހަގީގަތަށް ހައްދަވާނީ ރައީސް ސޯލިހު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އިއްޔެ ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.
މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ގްރޭޓާ މާލެ ތިލަފުއްޓާ ހަމަޔަށް ގުޅާލުމަކީ ރައީސް ޔާމިންގެ ތަސައްވަރެއްކަމަށެވެ. މަޝްރޫއުގެ ޑިޒައިނާއި އިންޖިނިއަރިން އަދި މަޝްރޫއަށް ހިގާނެ ހަރަދާއި، ފައިސާ ހޯދާނެ ގޮތްވެސް ވާނީ ނިންމާފައި ކަމަށް ސައީދުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ. އަދި މިހުރިހާ ކަމަކާއި މި ސަރުކާރުން ދިޔައީ ދެކޮޅު ހަދަމުން ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
މާލެ-ވިލިމާލެ-ތިލަފުށި އަދި ގުޅީފަޅު ގުޅާލާ ބްރިޖުގެ މަސައްކަތް ފެށުމަށް ހަދަން ޖެހޭ ސާވޭތަކުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވީ، މިހާރު ފެށިފައިވާ މާލެ-ވިލިމާލެ ބުރިޖްގެ ސާވޭގެ މަސައްކަތް މިއަހަރު ނިންމާލެވޭނެ ކަމަށެވެ. އަދި އެ މަސައްކަތް ނިންމައި އެ ބްރިޖުގެ އަމަލީ މަސައްކަތްތައް ވެސް މިއަހަރު ފެށޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
މިނިސްޓަރު ފައްޔާޒުގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ ގްރޭޓާ މާލޭ، ތިލަފުއްޓާ ހަމަޔަށް ގުޅާލުމަކީ، ރައީސް ޔާމީނުގެ ތަސައްވަރެއް ކަމަށް ސައީދު ވިދާޅުވި ނަމަވެސް، އެއީ މުޅީން ހަގީގަތެއް ނޫން ކަމަށެވެ. އެ ގޮތުން މާލެ ހުޅުމާލެ މާލެ ބުރިޖުގެ ތަސައްވަރަކީ ވެސް ރައީސް މައުމޫނުގެ ތަސައްވަރެއް ކަމަށާއި އެކަމުގެ އަމަލީ ކަންކަން ފެށިގެން ދިޔައީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށް ފައްޔާޒް ވިދާޅުވި އެވެ.