ކުޑަކުދީންނަށް ކުރާ އަނިޔާ

18 އަހަރުން ދަށުގެ ފިރިހެންކުއްޖަކަށް މަންމަ ޖިންސީގޯނާކުރި މައްސަލައެއް ތަހުގީގުކުރަން ފަށައިފި

މަރިޔަމް ޝަހުދާ

1

18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް އެ ކުއްޖާގެ މަންމަ ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ޖެންޑާ މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އެ ކުއްޖާ އަށް އެ ކުއްޖާގެ މަންމަ ޖިންސީ ގޯނާ ކުރާ ކަމުގެ ރިޕޯޓު އެ މިނިސްޓްރީއަށް ލިބިފައިވަނީ އާދިއްތަ ދުވަހުއެވެ. އަދި މިހާރު އެ ފިރިހެން ކުއްޖާ ވަނީ ރައްކާތެރި މާހައުލަކަށް ގެންގޮސްފައި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

މި މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށް ޖެންޑާއިން ބުނެއެވެ. އަދި މި މައްސަލައިގައި ހިމެނޭ އަންހެން މީހާގެ އިތުރު ދެ ކުދިން ވެސް ތިބޭ ކަމަށާއި އެ ދެ ދަރިންވެސް މިހާރު ވަނީ ރައްކާތެރި މާހައުލަކަށް ގެންދެވިފައި ކަމަށް ޖެންޑާއިން މައުލޫމާތު ދެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ރިޕޯޓު ކުރެވޭވަރު އިތުރުވެފައި ވާއިރު ޖެނުއަރީ މަހު ފަހު ކޮޅު ޑީޖޭއޭއިން ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ހުށަހަޅާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމަން ކޯޓުތަކަށް އަންގާފައެވެ.

ފުލުހުން ބުނީ ދެކުނުގެ އަތޮޅަކުން މިފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ކުއްޖާ މިހާރު ރައްކާތެރި މާހައުލަކަށް ގެންގޮސް، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައަކީ 38 އަހަރުގެ މަންމައެއް 14 އަހަރުގެ ފިރިހެން ދަރިފުޅަށް ޖިންސީ ގޯނާކޮށް ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟