ރައްޔިތުންގެ މަޖިލިސް

ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންގައި މަޖިލީހުން ބައިވެރިވާން ފާސްކޮށްފި

އިބްރާހިމް ޒަކީ

ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައި ބަހުސް ކުރުމަށް ފަހު، އެ އެސޯސިއޭޝަންގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އެގޮތަށް ފާސް ކުރީ ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންގައި މަޖިލީހުން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރުމަށް ފަހުގައެވެ.

މި މައްސަލައިގެ ބަހުސް ގެ ތެެރެއިން، ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންގައި މަޖިލީހުން ބައިވެރި ވުމަށް، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ގަރާރެއް ހުށަހެޅުއްވިއެވެ.

ރައްޔިތުންގެ މަޖިލިސް އެ އެސޯސިއޭޝަންގައި ބައިވެރިވާން ނިންމީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ތާއީދު ކުރެއްވި އެ ގަރާރު މަޖިލީހުން ފާސް ކޮށް ގެންނެވެ.

މިއަދުގެ ޖަލްސާގައި އެ ގަރާރު ފާސްކުރީ 67 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ބައިވެރިވުމުން، މަޖިލީހުގެ މެންބަރުންނާއި މުވައްޒިފުންނަށް ވަރަށްގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.

އޭގެ ތެރޭގައި ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހިމެނޭ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި، ރާޖެ ކޮމަންވެލްތުން ވަކިވެފައި ވަނިކޮށް، ރާއްޖެ އަލުން ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ހަމަޖެއްސިކަން އިއުލާން ކޮށްފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.