މާލެއަށް ގިނަ ކާރުތައް ބޭނުން ނުވާ ކަމަށާއި ވީހާ ވެސް ގިނަ ބަޔަކު މި ތަނުގައި ބައިސިކަލުގައާއި ހިނގާފައި އުޅުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު ހުށަހެޅުއްވި، އެއްގަމު ދަތުރު ފަތުރު ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
މާލޭގައި އުޅަނދު ފަހަރުގެ ތޮއްޖެހުން އޮތްކަން ފާހަގަ ކުރައްވައި މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ، އެއްތަނުން އަނެއްތަނަށް ދާން އެހާ ބައިވަރު ކާރުތަކެއް މާލޭގައި ހުންނަން ޖެހޭ ސަބަބެއް ހަމަ ބުއްދިއަކަށް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. އަދި މާލޭގެ އެއްތަނުން އަނެއް ތަނަށް ހިނގާފައި ނުދެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޕޭމަންޓް މަތީގައި ހިނގައި އުޅުމުގައި ޕޭމަންޓުން ގާކޮޅެއް ހިއްލިފައި ހުރުމުން އުނދަގޫ ވެދާނެ ކަމަށާއި، ނަމަވެސް މީގެ ކުރިން އަޅުގަނޑުމެން އުޅުނީ، ކަކުލާއި ހަމަޔަށް ޗަކަ އޮންނަ މަގުތަކުންނާއި، ގާ އޮންނަ ފާރުމަތީގައި ކަމަށެވެ.
"އަޅުގަނޑަކީވެސް ޕޭމަންޓް މަތީގައި ހިނގާފައި އުޅޭ މީހެއް، ދެން މީގެ ކުރީގައި އަޅުގަނޑުމެން އުޅުނީ ފަރުމަތީގައި ހިނގައިފަ، ދެން މިއަދު އެ ޕޭމަންޓުން ގާކޮޅެއް ހިއްލިލައިފަ އޮންނާތީވެ އަޅުގަނޑުމެން އެއީ ދެން ވަރަށްގޯސް ކަމެއް ކަމަށް ވެގެން އެތާމަތިން ނުހިނގިގެން މި އުޅެނީ، އެކަމަކު އަޅުގަނޑަށް ޔަގީން އެތައް ބައެއްގެ ހަނދާނުގައި ހުންނާނެ، ކަނޑައެޅިގެން ކަކުލާ ހަމަޔަށް ޗަކަ މީގެ ކުރީގައި މާލޭ މަގުމަތީގައި ވެސް އޮތީ، ދެން މިއަދު އެތާމަތިން ހިނގާނުލެވިގެން މިއުޅެނީ، ގާކޮޅެއް ދިއްވެފައި އިންނާތީވެ،" ރައީސް ނަޝިދު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ވީހާވެސް ގިނަ ބޭފުޅުން ހިންގަވާފައި އުޅުއްވުމާއި ބައިސްކަލުގައި އުޅުއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އޭރުން މާލޭގެ ޕާކިން އާއި ކާރޫބާރު ފިލައިގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ މާލޭގައި ކާރެއް، ސައިކަލެއް ރަޖިސްޓްރީ ކުރަނީ އޭތި ބާއްވާނެ ތަނެއް ދެއްކުމުން ކަމަށާއި، ގަވާއިދުން އެކަން ކުރާނަމަ އެތަކެތި މަގުމަތީގައި އޮންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ކުނި ނުކަހާލެވޭ ވަރަށް ހަނި މަގުތަކުގެ ދެ ފަރާތުގައިވެސް ސައިކަކު ޕާކުކޮށްފައިވާކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، މިހާރު ހަތަރުވަނާ އަކަށް ސައިކަލެއް ލިބޭ ކަމަށެވެ. އެކަން ކުރަނީ ދައްކައި ހަލާސްކުރާ ގޮތަށްކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.