އިބްރާހިމް ޒަކީ
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން އެއީ ޖިނާއީ ބޮޑު ކުށެއް ކަމުގައި ގާނޫނުގައި ހިމަނަން، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
މި އިސްލާހު ގާނޫނަށް ގެނައުމަށް މަޖިލީހަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި، ޖިނާއީ ބޮޑު ކުށްތަކުގެ ގޮތުގައި 11 ކުށެއް މިހާރުވެސް ހިމަނާފައި ވެއެވެ. ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށެއް އޭގެ ތެރެޔަކު ނުހިމެނެ އެވެ.
މިއަދު ފުރަތަމަ ކިޔުން އިއްވި އެ ބިލުގައި މި އިސްލާހު ގާނޫނަށް ގެންނަން ޖެހޭ ސަބަބެއް ކަމަށް ބުނެފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މަދުކުރުން ކަމަށެވެ. އަދި ގާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ކުޑަކުދިންނަށް ހާއްސަ ރައްކާތެރިކަމާއި ހިމާޔަތް ލިބުމަކީ، އެ ކުދިންގެ ހައްގެއް ކަމަށް ވިޔަސް ޖިންސީ ގޯނާގެ މައްސަލަތައް މުޖުތަމައުގައި ގިނަ ވެފައިވާކަންވެސް ބިލުގައި ފާހަގަ ކޮށްފައި ވެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ޖީހާން އިސްލާހު ހުށަހަޅުއްވާފައި ވާއިރު، ސަރުކާރުންވެސް މި ގާނޫނަށް ވަނީ އިސްލާހު ހުށަހަޅައިފައެވެ.
ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަޒަން ޒަހީން ހުށަހަޅުއްވާ އިސްލާހުގައި ބުނެއިވަނީ މިއީ ގާނޫނަށް އަމަލު ކުރަން ފެށުމަށްފަހު، އެ ގާނޫނު ތަންފީޒު ކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް ހުށަހަޅާ އިސްލާހެއް ކަމަށެވެ. އަދި އެ ގާނޫނުގައި އިތުރަށް ބަޔާންކުރަން ޖެހޭ އިޖުރާއަތްތައް ކަނޑައެޅުމަށާއި، އެ ނޫނަސް އެ ގާނޫނުގައި ފުރިހަމަ ކުރުމަށް ހުރި ބައެއް މުހިއްމު ކަންކަން ފުރިހަމަކުރުމަށް ޓަކައި އެ ގާނޫނަށް އިސްލާހު ހުށަހަޅަން ޖެހޭ ކަމަށް ސަރުކާރުން ހުށަހެޅި ބިލުގައި ބުނެފައިވެއެވެ.