ޝަހީދާ އަބްދުﷲ ސައީދު
އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ދެ ހެލިކޮޕްޓަރުގެ މައްސަލައަކީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން ގޯސްކުރުމަށް ކުރީގެ ސަރުކާރުން ވަތަނީ މައްސަލައެެއްގެ ގޮތުގައި އުފައްދައިގެން އުޅުނު މައްސަލައެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިއާއިން ހެލިކޮޕްޓަރު ހަދިޔާކުރި މައްސަލައަކީ ވަތަނީ މައްސަލައެއްގެ ގޮތުގައި ކުރީގެ ސަރުކާރުން އުފެއްދި މައްސަލައެއް ކަމަށާއި، އެކަން ކުރީ ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށް ކަމަށެވެ.
އަދި އެވާހަކަ ތަކަކީ ނިމިދިޔަ ސަރުކާރާއި އިންޑިއާ ދެމެދު ޖެހުނު މައްސަލަތަކުގައި ދެގައުމުގެ ގުޅުން ގޯސްކުރުމަށް ދިވެހި ސަރުކާރުން ދެއްކި ވާހަކަތަކެއް ކަމަށް ޝާހިދު ވިާޅުވިއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރުގައި ބަލި މީހުން އުފުލުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި، އޭގެ ސަބަބުން އެތައް ރައްޔިތުންނަކަށް ލުއި ފަސޭހަތައް ލިބިގެން ދިޔަ ކަމަށެވެ.
މީގެއިތުރުން ރާއްޖެއާއި އިންޑިއާގެ އިތުރުން ދުނިޔޭގެ އެހެން އެއްވެސް ގައުމަކާ ވަކިވެގެން ރާއްޖެއަށް ނޫޅެވޭނެ ކަމަށާއި، ހާލުގައި ޖެހުމުން އެހީތެރިކަން ފޯރުކޮށްދޭ ވަގުތު އޭގައި ހިފާފައި، ބަދު ބަސް ބުނުމަކީ ގަބޫލުކުރައްވާނެ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި އެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ކައްދޫގައެވެ. އަނެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ އައްޑޫ ސިޓީގައެވެ.
އިންޑިއާއިން ފަހުން ފޮނުވި ދެ ހެލިކޮޕްޓަރު އަނބުރައި ފޮނުވައިލުމުގެ މަސައްކަތް ކުރީގެ ސަރުކާރުން ކޮށްފައި ވެއެވެ. އަދި ހެލިކޮޕްޓަރާ އެކު ގާތްގަނޑަކަށް 40 ވަރަކަށް އިންޑިއާ ސިފައިން ރާއްޖެ އައިސް ތިބޭތީ އާއި، އެމީހުންގެ ހަރަދުތައް ދިވެހި ސަރުކާރުން ކުރަންޖެހޭތީ، ރައީސް ޔާމީންގެ ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.