އިބްރާހިމް ޒަކީ
ކޮންމެ ރަށެއްގައި ރަޖިސްޓްރީ ކުރެވޭނެ އުޅަނދުގެ އަދަދާއި، އުޅަނދު ފަހަރު ދުއްވޭނެ މުއްދަތު ގާނޫނުގައި ކަނޑައަޅަން، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި އިސްލާހު ހުށަހެޅުއްވީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފެވެ.
މި ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ޔާސިރު އަބްދުއްލަތީފް ވިދާޅުވީ، މިއީ އެއްގަމު އުޅަނދު ފަހަރު ދުއްވުމުގައި ގާނޫނާ ހިލާފަށް އަމަލު ކުރުން ހުއްޓުވުމާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ހުށަހަޅާ ބިލެއް ކަމަށެވެ.
މި ބިލުގައި ޓްރާންސްޕޯޓް މިނިސްޓަރަށް ލަފާ ދިނުމަށް ރޯޑްސޭފްޓީ ކައުންސިލެއް އުފެއްވުމަށް ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން ގަވާއިދާ ހިލާފުވާ ފަރާތްތައް ކުރާ، ޖޫރިމަނާ ތަކަށް އެޕީލް ކުރެވޭން ޕްރޮސެސްއެއް ކަނޑައަޅަން ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ވަނީ ލާޒިމް ކޮށްފައެވެ. އަދި ކުރާ ޖޫރިމަނާ ހޯދަން ކޯޓަށް ދިއުމުގެ ބާރު މީރާއަށް ދިނުމަށްވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
ގަވާއިދާ ހިލާފަށް ބާރަށް އުޅަނދު ފަހަރު ދުއްވާ ފަރާތްތަކުގެ އުޅަނދު 15 ދުވަސް ވަންދެން ހިފެހެއްޓުމުގެ ބާރު ފުުލުހުންނަށް ދޭން މި ބިލުގައި ވަނީ ހިމަނާފަ އެވެ. އަދި ލައިސަންސް ނެތި ދުއްވުމުން 30 ދުވަހު އުޅަނދު ހިފެހެއްޓޭނެ ކަމަށާއި، އެ އުޅަނދުގެ ވެރި ފަރާތް 2000 ރުފިޔާއިން ޖޫރިމަނާ ކުރަން ވެސް ހުށަހަޅާފައި ވެއެވެ.
މި ބިލުގައި ޕްރައިވެޓް ހަޔާގެ އުސޫލުތައް ވެސް ވަނީ ހިމަނައިފައެވެ.
ރަށްރަށަށް ވަގަށް އުޅަނދުފަހަރު ގެންދިއުން ހުއްޓުވުމަށް، ޓްރާންސްޕޯޓް މިނިސްޓްރީ ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތެއްގެ ހުއްދަ ނެތި އެއްރަށުން އަނެއްރަށަށް އުޅަނދުފަހަރު އުފުލުން މި ގާނޫނުގައި ވަނީ މަނާ ކަމެއް ކަމަށް ހިމަނައިފައެވެ.