ރައްޔިތުންގެ މަޖިލިސް

ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންގައި މަޖިލީހުން ބައިވެރިވުމަށް ހުށަހަޅައި ބަހުސް ފަށައިފި

އިބްރާހިމް ޒަކީ

ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައި ބަހުސް ފަށައިފި އެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މޭޒުން އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކޮމަންވެލްތުން ރާއްޖެ ވަކިވެފައި ވަނިކޮށް، އަލުން އެ ޖަމާއަތުގެ މެންބަރަކަށް ރާއްޖެ ހިމެނިގެންދިޔަކަން އިއުލާން ކުރެއްވީ މިމަހުގެ އެއްވަނަ ދުވަހު ރައީސް ސޯލިހު އެވެ.

މި މައްސަލައިގެ ބަހުސްގައި ވާހަކަ ދެއްކެވި މެންބަަރުން ވިދާޅުވީ، ކޮމަން ވެލްތާ ރާއްޖެ އަލުން ގުޅުމަކީ ހެޔޮވެރިކަމާއި އިންސާނީ ހައްގުތައް ކަށަވަރު ކޮށްދޭ މިންވަރު ހާމަވެގެންދާ ކަމަށެވެ.

މި މައްސަލައިގެ ބަހުސަށް ފުރުސަތު ހުޅުއްވައިލައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ ކޮމަންވެލްތުން ވަކިވީ، "ކޮމަން ވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު"ގައި ރާއްޖެ ހިމަނައި ކޮމަންވެލްތުން ވަކި ކުރަން ކުޑަތަން ވެފައި ވަނިކޮށް ކަމަށެވެ.

މި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ، 2018 ގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ރައީސް ޔާމީނާ ދެކޮޅަށް ނިކުތުމުގެ އެންމެ ބޮޑު އެއްސަބަބަކީ މިފަދަ ބައިނަލް އަގުވާމީ ގުޅުންތައް ހީނަރު ކުރައްވަމުން ގެންދެވުން ކަމަށެވެ. އަދި ކޮމަންވެލްތުން ރާއްޖެ ވަކި ވުމުގެ ސަބަބުން 1982 ވަނަ އަހަރުން ފެށިގެން ލިބެމުންދިޔަ އެތައް ފުރުސަތުތަކެއް ގެއްލިގެންދިޔަ ކަމަށްވެސް ވިދާޅުވިއެވެ.

އިވާ ވިދާޅުވީ، ޒުވާނުންގެ ކަންކަން ކުރިއެރުވުމަށާއި އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރުމާއި، ކުޑަ ކުދިންގެ ހައްގުތަކަށް ވަކާލާތުކޮށް، ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތައް ހޯދުމަށް ވަކާލާތު ކުރުމަށް އެކަމުގެ ސަބަބުން ފުރުސަތު ގެއްލިގެންދިޔަ ކަމަށެވެ.

އީވާ ވިދާޅުވީ، ރާއްޖެ އަލުން ކޮމަންވެލްތާ ގުޅި، ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންގައި މަޖިލީހުން ބައިވެރި ވުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މަޖިލީހުގެ މުވައްޒަފުންނަށް ކުރިއެރުންތަކެއް ލބިގެންދާނެ ކަމެއް ކަމަށެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ، ކޮމަންވެލްތުން ވަކިވީ ރައީސް ޔާމީންގެ ހުދު މުހުތާރު ވެރިކަން ދެމެހެއްޓުމަށް ކަމަށެވެ. ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންގައި، ރައްޔިތުންގެ މަޖިލީހުން ބައިވެރި ވުމަށް، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ގަރާރެއްވެސް ހުށަހަޅުއްވައިފައެވެ.