އިބްރާހިމް ޒަކީ
ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލަބަލައި ރައްޔިތުންގެ މަޖިލީހުން އަޅަން އެންގި ފިޔަވަޅުތައް ސަރުކާރުން އަޅާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެ މައްސަލަ ބެލުމަށް ފަހު މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ނިންނި ހަތް ކަމެއް ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޖެންޑާ މިނިސްޓްރީއަށް އެންގެވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ، ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިިި މައްސަލަ ދިމާވީ މަޖިލިސް ބަންދުގައި ވަނިކޮށް ނަމަވެސް ލަސްނުކޮށް އެ މައްސަލަ މަޖިލީހުން ބަލަން ފެށި ކަމަށެވެ. އަދި ކަމާބެހޭ އެތައް ފަރާތެއް ހާޒިރުކޮށް ހަތް ކަމެއް މަޖިލީހުން ނިންމައި އެކަން ސަރުކާރަށް އެންގެވި ކަމަށެވެ.
އޭގެ ތެރޭގައި ޖިންސީ ޝިކާރައަކަށް ވެފައިވާ ކުދިންނަކީ ކޮބައިތޯ ބެލުމާއި އެފަދަ ޝިކާރައަކަށް ވެފައިވާ ގޭގެ ދެނެގަނެ އެ ގޭގެއަށް ފާރަވެރިވުން ހިމެނޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ޖެންޑާ މިނިސްޓްރީން އެކަންކަން ހަމަޖައްސަވައި މަޖިލީހަށް އަންގަވާފައިވާ ކަމަށާއި، އެ ފަދަ ފަރާތްތަކުގެ އަދަދުތައް މަޖިލީހަށް ދެއްވާފައިވާ ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ޖިންސީ ގޯނާ ކުރުމުގެ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ސިއްރު ނުކޮށް ކަމާބެހޭ ފަރާތްތަކަށް އެންގެވުމަކީ މުހިއްމު ކަމަށެވެ. އަދި އެފަދަ ކަންކަމާބެހޭ ކަންތައްތައް ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.