ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ލީޑަރަކީ ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިރޭ ޖާބިރު އެހެން ވިދާޅުވެފައިވާ އިރު، އިދިކޮޅު ލީޑަރަކީ ކޮބައިކަން ސާފުނުވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ރިޔާސީ ބައްޔާން އިއްވުމުން އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން (މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރު) އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް، އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި އިއްވަން ޖެހޭނެއެވެ.
ޖާބިރު ވިދާޅުވީ އިދިކޮޅު ލީޑަރަކީ އޭނާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުގައި ވެސް ދަންނަވާފައިވާނެ ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަކީ ކޯލިޝަންގެ ޕާޓްނަރަކަށްވުމުން އިދިކޮޅު ލީޑަރަކަށް ނުވެވޭނެ ކަމަށެވެ. އަދި ޕީޕީއެމްއަކީ ވެސް އިދިކޮޅު ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.
"އަޅުގަނޑު މިއީ އިދިކޮޅު ލީޑަރު. ކުރިން ވެސް އަޅުގަނޑު މަޖިލީހުގެ ރައީސަށް ދެންނެވިން އަޅުގަނޑޭ އޮޕޮޒިޝަން ލީޑަރަކަށް މިހުރީ. ރައީސް އެކަން ގަބޫލުކުރުމާއި ނުކުރުން އެއީ އަޅުގަނޑާ ބެހޭ މައްސަލައެއް ނޫން. ގާސިމަކަށް އޮޕޮޒިޝަން ލީޑަރަކަށް ނުވެވޭނެތާ. ގާސިމަކީ ކޯލިޝަންގެ ޕާޓްނަރެއް. ދެން މިހުންނަ ޔާމީނުގެ ޕާޓީ، ކިހިނެއް އޮޕޮޒިޝަނަކަށް ވާނީ؟. އަޅުގަނޑުތާ މިދިޔަ ދައުރުގައި ވެސް އޮޕޮޒިޝަނެއްގެ ގޮތުގައި މަސައްކަތްކުރީ،" އޭނާ ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އިދިކޮޅުގެ ގޮތުގައި ޕީޕީއެމުން ރަނގަޅަށް ހަރަކާތްތެރިވެފައި ނުވާ ކަމަށާއި އިދިކޮޅަކީ ޒިންމާދާރުކޮށް ޒަވާބުދާރީކުރުވާ ފަރާތް ކަމަށް ވާއިރު، އެ ދައުރު އަދާކުރީ އޭނާ ކަމަށެވެ. އަދި އޭނާއަކީ ސަރުކާރާ ކޯލިޝަން ހަދާފައިވާ ބޭފުޅެއް ނޫން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
"އަޅުގަނޑަކީ ސަރުކާރާ ކޯލިޝަން ހަދާފައިވާ ފަރާތެއް ނޫން. އަޅުގަނޑަކީ ޑީއާރުޕީގެ ލީޑަރު. އަޅުގަނޑަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް. ސަރުކާރުން ކުރާ ހުރިހާ ކަމަކަށް އަޅުގަނޑު ސަނާ ކިޔާކަށް ވެސް ނުޖެހޭނެ. ރައީސް ރަނގަޅަށް ކަމެއް ކުރީމަ، ރައީސް ކުރި ރަނގަޅު ކަންތަކަށް އަޅުގަނޑު މި ވާހަކަދައްކަނީ. މި ދަނޑިވަޅަކީ އަޅުގަނޑުމެން ބައިބައިވާން ޖެހޭ ވަގުތެއް ނޫން. ކޮރޯނާވައިރަސްގެ ކަންތައްތައް ވަރަށް މަތީގައި މިހުރީ،" އޭނާ ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ ޑީއާރުޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގިނަ ނުކުރިޔަސް، އެކަނިވެސް މަސައްކަތްކުރަންޏާ އިދިކޮޅު ލީޑަރަކަށް ވެވޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއްވެވި ރިޔާސީ ބަޔާނާ މެދު ހިތްހަމަޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގައި ތިބއްވަނީ އެމްޑީޕީގެ 66 މެންބަރުންނާއި ޕީޕީއެމްގެ ފަސް މެންބަރުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ފަސް މެންބަރުންނެވެ. ދެން ތިއްބަވަނީ ޕީއެންސީގެ ތިން މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނެވެ. ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއަކަށް ވާއިރު، އެމްޑީއޭގެ ސްޓޭންޑް ހާމަކޮށްފައެއް ނުވެއެވެ.