ބޮލީވުޑްގެ މަލްޓި ޓެލެންޓަޑް ތަރިއެއް ކަމަށްވާ ޖެކީ ބާގްނަނީ ވަނީ އެކްޓު ކުރުމާއި މިޔުޒިކް އުފެއްދުމުގެ އިތުރުން އާއިލީ ވިޔަފާރި ޕްރޮޑަކްޝަންގެ ތެރެއަށްވެސް ވަދެފައެވެ.
އެ ޕްރޮޑަކްޝަން ހައުސް އިން މިވަގުތު އަންނަނީ ފިލްމު ކޫލީ ނަންބަރު ވަން އާއި ބެލް ބޮޓަމް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އީޓައިމްސްއަށް ޖެކީ ދިން އިންޓަވިއުއެއްގައި ވަނީ ކުރިއަށް އެމީހުން އުފައްދާ ފިލްމުތަކާ ބެހޭގޮތުން ވާހަކަތައް ހިއްސާކޮށްފައެވެ.
އެގޮތުން ޖެކީ ބުނީ މިވަގުތަކީ ހޮލީވުޑްގެ ފިލްމުތައް ރީމޭކު ކުރާ ދުވަސްވަރަކަށް ވާތީ އައިކޮނިކް ފިލްމު ޓައިޓޭނިކްގެ ރީމޭކެއް ހަދަން ބޭނުންވާ ކަމަށެވެ. އަދި ފިލްމުގެ ލީޑް ރޯލަށް އެންމެ ގުޅޭނީ ރަންބީރު ކަޕޫރާއި އާލިޔާ ބަޓްކަމަށްވެސް ޖެކީ ބުންޏެވެ.
ޖެކީ އިތުރަށް ބުނީ ފުލް ޓައިމް ޕްރޮޑިއުސަރަކަށް ވުމުގެ ބަދަލުގައި މިވަގުތު ފޯކަސް ހުރީ ކުންފުނި ރީސްޓްރަކްޗާ ކުރުމަށް ކަމަށެވެ. އަދި މިއަހަރަކީ ބޮލީވުޑް ފިލްމު އިންޑަސްޓްރީއަށް މިދިޔަ އަހަރަށްވުރެވެސް ކާމިޔާބު އަހަރެއް ކަމަށް ވާނެ ކަމަށް ޖެކީ ބުންޏެވެ.
ޖެކީގެ ޕްރޮޑަކްޝަން ހައުސް އިން އެންމެ ފަހުން ރިލީސްކުރީ ސައިފް އަލީ ޚާން ލީޑް ރޯލުން ފެނިގެންދާ ފިލްމު ޖަވާނޭ ޖާނޭމަންއެވެ. އެ ފިލްމު މިދިޔަ ހުކުރު ދުވަހު ރިލީސްކޮށްފައިވާއިރު ފިލްމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.