ދައުލަތުގެ ތިން ބާރު މިހާރު ހިންގަނީ މިނިވަންކޮށް ކަމަށާއި ކުރިން ތިން ބާރު ހިންގީ އޭރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ބަދިގޭގައި ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ މަޖިލިސް ހިންގަނީ ވަރަށް މިނިވަންކަމާއެކު ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ އިރުޝާދެއް ދެއްވައިގެން އެއް ކަމެއް ވެސް ނުހިނގާ ކަމަށެވެ.
"މަޖިލިސް ވަރަށް އިންޑެޕެންޑެންޓްކޮށް އޮޕަރޭޓް ކުރީ. ރައީސުލްޖުމްހޫރިއްޔާ ހާއްސަ އިންސްޓްރަކްޝަނެއް ދެއްވައިގެން އެއް ކަމެއްވެސް ނުހިނގާ. ފަނޑިޔާރުގެ ވަކިން އެއޮތީ. ތިން ބާރު ވަކިން ހިންގަނީ. މިހާރު ގާނޫނު އަސާސީގައި އޮންނަ ގޮތަށް ހަމަޖެހިގެން އެދަނީ. ޔާމީނު ސަރުކާރު އޮތް އިރު، ތިން ބާރު ހިންގަނީ ޔާމީނުގެ ބަދިގޭގައި. މި ސަރުކާރު އައި ފަހުން އަދި އެކަހަލަ މައްސަލައެއް ދިމައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.
ދާދި ފަހުން ޖާބިރު ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން މެރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅައިފައެވެ. އެކަމާ ގުޅޭގޮތުން ޖާބިރު ވިދާޅުވީ އެ އިސްލާހު ގެންނަން ދެކޮޅު ހަދާނެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނުހުންނަވާނެ ކަމަށެވެ.
"ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން ޖެހޭނީ މަރަން. އަޅުގަނޑު ޗުއްޓީގައި ހުރެފައި ހުށަހެޅިން އެފަދަ ފަރާތްތައް މެރުމަށްޓަކައި ގާނޫނު އަސާސީއަށް އިސްލާހު ގެންނަން. ރައްޔިތުންގެ މަޖިލީހުން އެކަން ނުކުރާންވީ ސަބަބެއް ނެތް. ރާއްޖޭގައި އެކަން ހުއްޓުވަން ޖެހޭނެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެއް ދެކޮޅެއް ނަހަދާނެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރީމަ، ހުރިހާ ޕާޓީތަކުން ވެސް އޮންބޯޑުވެ މަރަން ހުކުމް އަންނާނެ. ގާނޫނު އަސާސީއަށް ބަދަލު އަންނާނެ،" އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ ކޯލިޝަނާ ގުޅޭގޮތުން ކުރިމަތިކުރުވި ސުވާލަކަށް ޖަވާބުދެއްވަމުން ޖާބިރު ވިދާޅުވީ ސަރުކާރު ނުހިނގައިގެން އުޅެނީ ކެބިނެޓުގައި އެކި ވައްތަރުގެ ވަޒީރުން ތިއްބަވާތީ ކަމަށާއި ކޯލިޝަންގެ ވެރިކަމެއް އޮތް ކަމެއް އެނގިފައެއް ނެތް ކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން ހުރިހާ ވަޒީރުން ބޭރުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ސަރުކާރު ނުހިނގައިގެން މިއުޅެނީ އެކި ވައްތަރު ވައްތަރުގެ ވަޒީރުން ތިބޭތީ ކަމަށް އަޅުގަނޑު މި ބަލަނީ. މައުމޫނުގެ ވަޒީރުންތަކަކާއި ގާސިމުގެ ވަޒީރުންތަކަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަޒީރުންތަކަކާއި ރައީސް ނަޝީދުގެ ވަޒީރުންތަކެއް ތިބޭތީ ކަމަށް ވެސް ވެދާނެ. އެހެންނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމަށް ވަޑައިގެން އެ ހުންނެވީ ރައްޔިތުންގެ ތާއީދު ލިބިގެން. ކޯލިޝަންގެ ވެރިކަމެއް އޮތް ކަމެއް އަޅުގަނޑަށް އެނގިފައެއް ނެތް. މަޖިލިސް ތެރެއިން ހުރިހާ ވަޒީރުން ބޭރުކުރުން ކަމަކު ނުދާނެ. ރައީސް ބަދަލު ގެންނަވާނެތާ،" އޭނާ ވިދާޅުވިއެވެ.
ޖާބިރު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވެސް ފާޑުވިދާޅުވެފައެވެ. ޖާބިރު ވިދާޅުވީ ގާސިމަކީ މާ ބޮޑަށް ވެރިކަން ބޭނުންވާ ބޭފުޅެއް ކަމަށާއި ގާސިމަށް ދެން ވެރިކަމެއް ނުލިބޭނެ ކަމަށެވެ. އަދި ގާސިމްގެ ކަންތައް މިހާރު ހަޖުލަކަށް ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ގާސިމް ކޮންމެ އިންތިހާބެއްގައި ވެސް ވާދަކުރޭ. މިހާރު ހަޖުލަކަށް ވެއްޖެތާ ގާސިމްގެ ކަންތައް ވެސް. ގާސިމް އެބަޖެހޭތާ މިހާރު މައިތިރިވާން. ގާސިމް އިބްރާހީމަކަށް ދެން ވެރިކަމެއް ނުލިބޭނެ. މިހާރު ގާސިމް ރިޓަޔާވާން ވެއްޖެ. ގާސިމްގެ ސަބަބުން ގައުމަށް ވަރަށް ބޮޑު ޑެމޭޖް އާދޭ،" އޭނާ ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ އެއިރެއްގައި އެ އޮންނަ ހާލަތަކާ އެއްކޮށް ޑީއާރުޕީގެ އަމިއްލަ ޒާތުގައި ރާއްޖޭގެ ވެރިކަމަށް އާދެވޭ ހިސާބަށް ދަންދެން ކޮންމެވެސް ބަޔަކާ ގުޅިގެން ކުރިއަށްދާނެ ކަމަށާއި އަންނަ ރިޔާސީ އިންތިހާބުގައި ޑީއާރުޕީން ކެންޑިޑޭޓެއް ނެރޭނެ ކަމަށެވެ.