މާލޭ ސިޓީކައުންސިލްގެ ޖަލްސާތައް ލައިވްކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ކައުންސިލުގެ ފުރަތަމަ ބައްދަލުވުން ލައިވްކުރަން ހަމަޖައްސާފައިވަނީ ހަތަރެއް ފެބުރުއަރީވާ އަންގާރަ ދުވަހު މެންދުރު 2:00ގައި ކަމަށެވެ.
މާލޭ ސިޓީ ކައުންސިލް މާފަންނު އޮފީހުގައި އެ ކައުންސިލުގެ ބައްދަލުވުން ބާއްވަން ނިންމާފައިވާއިރު ވަންނަން ބޭނުންވާ ފަރާތްތަކުން މެންދުރުފަހު 1:45ގެ ކުރިން ހޯލަށް ހާޒިރުވާން ޖެހޭނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެކައުންސިލުން ބައްވާ ޖަލްސާތައް އަޑުއެހުމަށް ވަންނަން ބެނުންވާ ފަރާތްތަކަށް ޖާގަ އޮތް މިންވަރަކުން ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މާލޭސިޓީ ކައުންސިލް މާފަންނު އޮފީހުން ކުރަމުންދިޔަ އެޑްމިނިސްރޭޝަނާއި ޕްރޮކިއުމަންޓް މަސައްކަތް މިހާރު ކުރިއަށް ދާނީ އެމްޑަބްލިއުއެސްސީގެ ކަސްޓަމާސާވިސް އިމާރާތުގެ ހަތަރު ވަނަ ފަންގިފިލާގައި ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.