އިބްރާހިމް ޒަކީ
ތުންޖީނާ ސަލަވާތަކީ ސުންތަނުން ސާބިތުވާ ސަލަވާތެއް ނޫން ކަމަށާއި އެހެން ކަމުން މިއަދު މަޖިލިސް ފެށުމުގެ ކުރިން ބޭފުޅަކު ލައްވައި އެކަން ކުރުވި ކުރުވުމަކީ ވަރަށް ބޮޑު ބިދުއައެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުލް ލަތީފު ވިދާޅުވެއްޖެ އެވެ.
ޑރ.އިޔާޒް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަަމަ ދައުރުގެ ފުރަތަމަ ޖަލްސާ ސޮލަވާތުން ފެށުމާ ގުޅިގެންނެވެ.
ކީރިތި ގުރުއާން ކިޔެވުމުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވީ ހަމްދު ސަލަވާތުންނެވެ. ޖަލްސާ ފެށުމުގެ ގޮތުން ސަލަވާތް ވިދާޅުވީ، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އެވެ.
އެކަމާ ގުޅިގެން ޑރ. އިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ނެތި ގޮސްފައިވާ ބިދުއައެއް އަލުން އިއާދަ ކުރުމަކީ ވަރަށް ނުބައި ކަމެއް ކަމަށެވެ. އަދި ތުންޖީނާ ސޮލަވާތަކީ ސުންނަތުން ސާބިތުވާ ސަލަވާތެއްް ނޫން، ކަމަށާއި، ވީއިރު މިއަދު މަޖިލިސް ފެށުމުގެ ކުރިން ބޭފުޅަކު ލައްވައި ސަލަވާތް ކިޔެވުމަކީ ވަރަށްބޮޑު ނުބައެއް ކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.
"ނެތި ގޮސްފައިވާ ބިދުއައެއް އަލުން އިއާދަ ކުރުމަކީ ވަރަށް ނުބައި ކަމެއް، ތުންޖީނާ ސޮލަވާތަކީ ސުންނަތުން ސާބިތުބާ ސަލަވާތެއް ނޫން، ވީއިރު މިއަދު މަޖިލިސް ފެށުމުގެ ކުރިން ބޭފުޅަކު ލައްވައި މިކަން ކުރުވި ކުރުވުމަކީ ވަރަަށް ބޮޑު ނުބައެއް،" އިޔާޒު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ސަލަވާތް ވިދާޅުވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވުމަށްފަހު ރިޔާސީ ބަޔާން ހުށަހެޅުއްވުމަށް ރައީސުލް ޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންނެވިއެވެ.
ގާނޫނު އަސާސީގައި ވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން ވަނީ އިއްވަވައި ދެއްވައިފައެވެ. އެމަނިކުފާނުގެ ބަޔާނުގައި ވޭތުވެދިޔަ އަހަރު ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ކަންތައްތަކާއި، މިއަހަރުގެ ކުރިއަށް ހުރި ކަންތައްތަކާ ބެހޭ ތަފުސީލު ހިމަނުއްވާފައި ވެއެވެ.