ރައްޔިތުންގެ މަޖިލިސް

ގުރުއާން ކިޔެވުމުގެ ބަދަލުގައި މިއަދު މަޖިލިސް ޖަލްސާ ފެށީ ހަމްދު ސަލަވާތުން

އިބްރާހިމް ޒަކީ

3

ކީރިތި ގުރުއާން ކިޔެވުމުގެ ބަދަލުގައި ތަފާތު ގޮތަކަށް، ހަމްދު ސަލަވާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ ގާނޫނުގައި ބުނާގޮތަށް، މިއަހަރަށް މަޖިލިސް ހުޅުވުމުގެ ގޮތުން ބޭއްވި އެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއެވެ. މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ހަމްދު ސޮލަވާތް ކިޔަވާ ވިދާޅުވެ ދެއްވީ، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވުމަށްފަހު ރިޔާސީ ބަޔާން ހުށަހެޅުއްވުމަށް ރައީސުލް ޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

ގާނޫނު އަސާސީގައި ވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން ވަނީ އިއްވަވައި ދެއްވައިފައެވެ. އެމަނިކުފާނުގެ ބަޔާނުގައި ވޭތުވެދިޔަ އަހަރު ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ކަންތައްތަކާއި، މިއަހަރުގެ ކުރިއަށް ހުރި ކަންތައްތަކާ ބެހޭ ތަފުސީލު ހިމަނުއްވާފައި ވެއެވެ.

ގާނޫނުގައި ބުނާގޮތުން ރައީސުލް ޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނަށް، އެ ބަޔާން އިއްވަވާތާ 14 ދުވަހުގެ ތެރޭގައި އެ ބަޔާނަށް އިދިކޮޅު ފަރާތުން ޖަވާބު ދޭން ޖެހެއެވެ.

ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްްވެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ގާނޫނީ ގޮތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަން ޖެހިވަޑަިއގަންނަވަނީ އިދިކޮޅު ލީޑަރަށް ކަމަށާއި، އިދިކޮޅު ލީޑަރަކީ ކޮބައިކަން އޮޅުންފިލާފައި ނުވާ ކަމަށެވެ.

އެހެންކަމުން އިދިކޮޅު ލީޑަރު އޮޅުން ފިލުއްވުމަަށްފަހު ރިޔާސީ ބަޔާނަށް ޖަވާބު ފޮނުއްވާނެ ކަމަށް، މަޖިލިސް ރައީސް ވަނީ ރައީސުލް ޖުމްހޫރިއްޔާއަށް ދަންނަވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟