އިބްރާހިމް ޒަކީ
އިދިކޮޅު ލީޑަރަކީ ކޮބައިކަން އޮޅުން ފިލުއްވުމަށްފަހު، ރައްޔިތުންގެ މަޖިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައީސުލް ޖުމްހޫރިއްޔާއަށް ދަންނަވައިފިއެވެ.
މަޖިލިސް ރައީސް އެވާހަކަ ރައީސުލް ޖުމްހޫރިއްއާއަށް ދެންނެވީ، މަޖިލީހުގެ ގަވާއިދުގެ ދަށުން، ރައްޔިތުންގެ މަޖިލިސް މިއަހަރަކަށް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ޖަލްސާއަށް، ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާގޮތުގެ މަތިން، ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވައި ނިންމެވުމުން، މަޖިލީހުގެ ރިޔާސަތުން ވާހަކަ ދައްކަވަމުންނެވެ.
މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ގަވައިދު ބުނާގޮތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަން ޖެހޭނީ އޮޕޮޒިޝަން ލީޑަރު ކަމަށެވެ.
އަދި ރައީސުލް ޖުމްހޫރިއްޔާ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުންތިބި ޕާޓީތަކުގެ ފަރާތުން އެ ރިޔާސި ބަޔާނަށް ދޭނެ ޖަވާބު ތައްޔާރު ކޮށް ރިޔާސި ބަޔާން އިއްވަވާތާ 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށްދޭ ޖަވާބުގެ ގޮތުގައި ދެއްވަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މިހާރު އިދިކޮޅު ލީޑަރަކީ ކޮބައިކަން ސާފު ނުވާ ކަމަށާއި އިދިކޮޅު ލީޑަރަކީ ކޮބައިކަން ޖެހޭނީ އޮޅުން ފިލުވަން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނަށް ޖަވާބު ދިނުން މި އޮންނަނީ އޮޕޮޒިޝަން ލީޑަރަށް އެހެންވީމާ، އެއެއް އަޅުގަނޑުމެން އެބަ އޮޅުންފިލުވަން ޖެހޭ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން ރިޔާސީ ބަޔާނަށް އަރުވާ ޖަވާބު އިރާދަ ކުރެއްވިޔާ އަޅުގަނޑުމެންނަށް މިކަމެއް އޮޅުން ފިލީމަ އަޅުގަނޑުމެން ފޮނުވާނަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގައި ތިއްބެވި ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ ތަފްސީލު ދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ، އެމްޑީޕީ 66 މެންބަރުންނާއި، ޕީޕީއެމްގެ 5 މެންބަރުން ގެ އިތުރުން ޖުމްހޫރި ޕާޓީގެ 5 މެންބަރުން ތިއްބަވާ ކަމަށެވެ. ދެން ތިއްބަވަނީ ޕީއެންސީގެ ތިން މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއަކަށް ވާއިރު، އެމްޑީއޭ ގެ ސްޓޭންޑް ހާމަކޮށްފައެއް ނުވެއެވެ.