ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރިމަތިލާނެ ދާއިރާއަކާ ދޭތެރޭ ވެސް ވިސްނަމުންދާ ކަމަށާއި ވިސްނުން ހުރީ ސިޔާސީ މައިދާނުގައި ކުރިއަށްދިއުމަށް ކަމަށެވެ.
"އަޅުގަނޑު ވިސްނުންތަކެއް އެބަ ގެންގުޅެން. އަޅުގަނޑު ގަބޫލުކުރާގޮތުގައި އަޅުގަނޑުގެ ސިޔާސީ ކުރިމަގު އޮތީ ރައްޔިތުންނާ ހަމައިގައި. ރައްޔިތުން އެދެނީ ކޮން ގޮތެއްތޯ ބަލާނަން. ހާއްސަގޮތެއްގައި މި ކުރިމަތިވަމުން މި އަންނަ ޕާލަމަންޓް އިންތިހާބުގައި ކުރިމަތިލުމުގެ ވިސްނުމެއް އެބަ ގެންގުޅެން. އަޅުގަނޑު ދާއިރާއަކާ ދޭތެރޭ ވެސް އެބަ ވިސްނަން،" އޭނާ ވިދާޅުވިއެވެ.
ކާނަލް ނާޒިމް ވިދާޅުވީ ކުރިމަތިލާ ދާއިރާއެއްގެ ރައްޔިތުންނާ ހަމައަށް ވަރަށް އަވަހަށް ދާނެ ކަމަށާއި ރައްޔިތުންގެ އިހުސާސާއި ރައްޔިތުންގެ ވިންދު ހުރި ގޮތެއް ބަލާނެ ކަމަށެވެ. އަދި އެފަދަ މަގާމަކަށް ކުރިމަތިލުމަށް ރައްޔިތުން އެދޭ މީހެއްތޯ ވެސް ދެނެގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަކީ އެފަދަ މަގާމަކަށް ކުރިމަތިލުމަށް ރައްޔިތުން އެދޭ މީހެއްތޯ އަޅުގަނޑު ދެނެގަންނާނަން. ރައްޔިތުން އަޅުގަނޑު އެކަމަށް ގެންނަން ބޭނުންވާ ކަމަށް އަޅުގަނޑަށް އިހުސާސްކުރެވިއްޖެއްޔާ އަޅުގަނޑު އެ ދާއިރާއަކަށް ކުރިމަތިލާނަން. އިރާދަކުރެއްވިއްޔާ އެކަމެއް ކާމިޔާބުކުރުމަށް އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. އެހެންވީމާ އަޅުގަނޑެއް ސިޔާސީ މައިދާނަކުން ގެއްލިގެންނެއް ނުދާނެ،" އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ލަޔާގަތާއި ގާބިލްކަން ތަންދިން މިންވަރަކުން ދިވެހި ރައްޔިތުންނަށް ހިދުމަތްކުރުމުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށެވެ. އަދި މި ސަރުކާރު ދެމެހެއްޓުމަށްޓަކައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.