ކުޅިވަރު

ދިވެހި ޕްރިމިއާ ލީގު: ފޯކައިދޫގެ މައްޗަށް ދަގްރާންޑޭ އިން ކުރި ހޯދައިފި

އައިދާ އަބްދުލް ހަކީމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ށ. ފޯކައިދޫ ފުޓްބޯޅަ ޓީމު އަތުން 3-1 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

ރޭގެ މެޗުގައި ދަ ގްރާންޑޭގެ ތިން ގޯލު ވެސް ޖެހީ އެޓީމުގެ އޮބައިދާ ކަދޫމް އެވެ. ފޯކައިދޫގެ ހަމައެކަނި ގޯލު ޖެހީ ހަސަން ފުވާދު އެވެ. މެޗުގެ ފުރަތަމަ ގޯލު އޮބައިދާ ޖެހީ 37 ވަނަ މިނެޓުގަ އެވެ. ފޯކައިދޫން މެޗުގެ ނަތީޖާ ހަމަހަމަކުރީ އޭގެ ދެ މިނެޓު ފަހުންނެވެ. ތިން ވަނަ ބުރުގައި ފޯކައިދޫ ޓީމުގެ ފުރަތަމަ ގޯލު ފުވާދު ޖެހީ ނަގައިދިން ހުރަހެއް ކީޕަރު އިޔާން އަތުލަން އުޅުމުގެ ތެރޭގައި ދޫވެގެން ލިބުނު ބޯޅަ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އޮބައިދާ ދަ ގްރާންޑޭގެ ފަހު ގޯލުތައް ކާމިޔާބުކޮށްދިނީ މެޗް ނިމެން ކައިރިވެފައި ވަނިކޮށެވެ.

ލީގުގެ ފަހު މެޗަށް ދެޓީމުން ވެސް ނުކުތްއިރު، ދަ ގްރާންޑޭ ދެމެޗުން މޮޅުވެފައިވާއިރު ތިން ވަނަ ބުރުގައި ފޯކައިދޫއަށް ޕޮއިންޓެއް ލިބިފައެއްނުވެ އެވެ. ރޭގެ މޮޅާއެކު ދަ ގްރާންޑޭއަށް 21 މެޗުން ލިބުނު 27 ޕޮއިންޓާއެކު ލީގުގައި ލިބުނީ ފަސް ވަނަ އެވެ. ހަ ވަނަ ލިބުނު ފޯކައިދޫށް 21 މެޗުން ލިބުނީ 20 ޕޮއިންޓެވެ.

ތިން ވަނަ ބުރުގައި ދަ ގްރާންޑޭއިން ފުރަތަމަ މޮޅު ހޯދީ ކްލަބް ގްރީން ސްޓްރީޓްސް އަތުންނެވެ. އެ މެޗުން 5-2 އިން މޮޅުވި ނަމަވެސް މާޒިޔާ، ޓީސީ ސްޕޯޓްސް ކްލަބް އަދި ކްލަބް އީގަލްސް އަތުން އެޓީމު ވަނީ ބަލިވެފަ އެވެ. ޕްރެޒިޑެންޓްސް ކަޕުން ފުރުސަތު ލިބޭނީ ލީގުގެ ގަދަ ހަތަރު ޓީމަށެވެ. ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރީ ޗެމްޕިއަން މާޒިޔާ އާއި ދެ ވަނަ ހޯދި ކްލަބް އީގަލްސް، ތިން ވަނަ ކަށަވަރުކުރި ޓީސީ އަދި ހަތަރު ވަނަ ލިބުނު ގްރީން ސްޓްރީޓްސް އެވެ.

އެތައް ގޮންޖެހުންތަކަކާ އެކު ފޯކައިދޫ ވަނީ ލީގުގައި ރަނގަޅު ވާދައެއްކޮށްފަ އެވެ. އެޓީމަށް މައްސަލަތައް ކުރިމަތިވީ ލީގުގެ ފަހު ބުރަށް ނުކުތްއިރު މުހިއްމު ގިނަ ކުޅުންތެރިންތަކެއް އެހެން ކްލަބްތަކަށް ބަދަލުވުމުގެ ސަބަބުންނެވެ. ލީގުގައި ފޯކައިދޫ ކުޅުނު 21 މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވިއިރު ފަސް މެޗުން ވަނީ އެއްވަރުވެފަ އެވެ. އެޓީމު ވަނީ 11 މެޗުން ބަލިވެފަ އެވެ. 21 ގޯލު ޖެހިއިރު ފަހު ބުރުގައި ވަން ގިނަ ގޯލުތަކާއެކު ތިން ބުރުގައި އެޓީމު ކޮޅަށް ޖުމުލަ 46 ގޯލު ވަނެވެ.

ލީގުގެ ފަހު މެޗު އީގަލްސް އާއި މާޒިޔާ ވާދަކުރާނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ހަވީރު 16:00 ގައެވެ.