ނޫސްތަކުގެ ސުރުހީތަކުގައި އިއްޔެ އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ ބޮލީވުޑް ބަތަލު ރިޝީ ކަޕޫރު ކުއްލި ގޮތަކަށް ހާލު ސީރިއަސްވެ އެޑްމިޓް ކުރި ހަބަރުގެ ވާހަކަ އެވެ.
އާއިލާ ބޭފުޅެއް އަދި އެކްޓަރު އަރްމާން ޖެއިންގެ މެހެންދީ ހަފުލާގައި ރިޝީ އާއި އަންހެނުން ނީތޫ ކަޕޫރު، އަދި ދަރިފުޅު ރަންބީރު ކަޕޫރާއި ރަންބީރުގެ ބައިވެރިޔާ ބަތަލާ އާލިޔާ ބަޓް ބައިވެރި ނުވުމުން އެވާހަކަތައް ދެކެވުނުލެއް އިތުރުވެގެން ދިޔައެވެ.
ރިޝީ އެޑްމިޓް ކުރީ ކީއްވެކަން ނޭނގި ތިއްބާ އިއްޔެގެ ވަގުތެއްގައި ރިޝީ މިވަނީ މީޑިއާތަކަށް އޭނާއަށް ވީގޮތް ހިއްސާކޮށްފައެވެ.
"އިންފެކްޝަނެއް އުފެދުނީ. އެހާ ބޮޑު ކަމެއް ނުވޭ. ހީވަނީ ޕޮލިއުޝަންގެ އަސަރުހެން" މީޑިއާއަށް ދިން އިންޓަވިއުގައި ރިޝީ ބުންޏެވެ.
ކެންސަރު ބައްޔަށް އެމެރިކާގައި ފަރުވާ ހޯދުމަށްފަހު ރިޝީ މުމްބާއީއަށް ދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައެވެ. އޭގެ ފަހުން އޭނާ ވަނީ ފިލްމުތަކެއްގެ މަސައްކަތްވެސް ފަށާފައެވެ. އެގޮތުން 20 އަހަރަށްފަހު، ޖޫހީ އާއެކު ފިލްމެއް ކުޅުމުގެ މަސައްކަތް ފަށާފައިވާއިރު ދާދި ފަހުން ވަނީ ބަތަލާ ދީޕިކާ ޕަޑުކޯން އާއެކު ހޮލީވުޑް ފިލްމު "ދަ އިންޓާން" ގެ ރީމޭކު ކުޅޭކަންވެސް އިއުލާންކޮށްފައެވެ. އެ ފިލްމު ރިލީސްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.