ރިޔާސީ އިންތިހާބު 2013ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތަށް އެރުނު ނަމަ މާ ރަނގަޅުވީހޭ މިއަދު ގަބޫލުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ވާހަކަދައްކަވަމުން އިލްހާމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަހަތަށް އަރަން ނުވާނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަރިހު ދަންނަވާފައިވާނެ ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ފަހަތަށް އަރަން ޖެހުނީ އޭރު ރައީސް ނަޝީދާ ދޭތެރޭ ދެކެވުނު ދެކެވުމެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
"ނަމަވެސް އޭރު ދެކެވުނު ދެކެވުމެއްގެ މައްޗަށް ބިނާކޮށް، ވަރަށް އަނިޔާވެރި ހުދުމުހުތާރު، ފައިސާއަށް ދަހިވެތި މީހެއްގެ ފަހަތަށް އަރަން ޖެހުނީ. އެއީ ހެދުނު މިސްޓޭކެއް. މިއަދު އަޅުގަނޑު ގަބޫލުކުރަނީ ރައީސް ނަޝީދުގެ ފަހަތަށް އެރުނު ނަމަ، މާ ރަނގަޅުވީހޭ. އެހެންނަމަވެސް އެއީ މާޒީ،" އޭނާ ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ މި ފަސް އަހަރު އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސް ނަޝީދަށް ވެސް ދަންނަވާލާ ކަމަށާއި މި ރާއްޖޭގެ ރައްޔިތުން ދަންނަންޖެހޭ ހަގީގަތަކީ އެންމެ ފަރުދަކަށް މި ގައުމުގެ ވެރިކަމެއް ނުލިބޭނެކަން ކަމަށެވެ. ޖޭޕީއާއި ޕީޕީއެމްއަކީ ވެސް މުހިންމު ދެ ޕާޓީ ކަމަށާއި އަދި އެމްޑީޕީއަކީ މިވަގުތު އެންމެ ސަޕޯޓު ބޮޑު ޕާޓީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.