ކްރިމިނަލް ކޯޓް

ލަންކާ ސްނައިޕަރުގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަވަހާރަކޮށްލުމަށް ގެނައި ސްނައިޕަރެއް ކަމަށްބުނެ ހައްޔަރުކޮށްފައިވާ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ލަހިރު މަދުޝަންކާގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.

އެނގިފައިވާ ގޮތުގައި މަދުޝަންކާގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވަނީ އެ މައްސަލައިގައި އެކަށީގެންވާ މިންވަރަށް ހެކި ނެތުމުންނެވެ.

ދޫނިދޫގައި ބަންދުކޮށްފައި ބެހެއްޓުމަށް ފަހު މަދުޝަންކާގެ މައްޗަށް އެނގި ހުރެ މީހަކު މެރުމުގެ ދައުވާކުރީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ސްނައިޕަރަކު ލައްވާ ރައީސް ޔާމީން އަވަހަރާކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައިގައި މަދުޝަންކާގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ފަޒީލް ހަމީދު (ލޮރިއްޕެ)ގެ އިތުރުން އިސްހާގު ހުސެއިން (ސާގޭ)ގެ މައްޗަށް ވެސް ވަނީ އެ މައްސަލައިގައި ދައުވާ ކޮށްފައެވެ. އަދީބާއި ފަޒީލްގެ އިތުރުން އިސްހާގުގެ މައްޗަށް ކޮށްފައި ވަނީ އެނގިހުރެ މީހަކު މެރުމަށް ރޭވުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އެ މައްސަލައިގައި ހައްޔަރުކުރި ފަޒީލާއި އިސްހާގު ވަނީ މިއަދު މިނިވަންކޮށްފައެވެ.

މަދުޝަންކާގެ މައްސަލައަށް ވީހާވެސް އަވަހަށް ހައްލެއް ހޯއްދަވައިދެއްވުމުގެ މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވާ ކަމަށް ސްރީލަންކާގެ ކުޅިވަރާބެހޭ ވަޒީރު ފައިޒަރު މުސްތަފާ ވެސް ވަނީ ކުރިން ވިދާޅުވެފައެވެ.