އަހްމަދު މަހްލޫފު

ކުޅިވަރު އެސޯސިއޭޝަންތަކަށް ފަސް ލައްކަ ރުފިޔާގެ ބަޖެޓެއް ދޭން ރައީސް ވެވަޑައިގެންނެވި ވައުދު ފުއްދަވައިފި: މަހުލޫފް

ހުރިހާ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް އަހަރަކު މަދުވެގެން ފަސް ލައްކަ ރުފިޔާގެ ބަޖެޓެއް ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދަވައިފި ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަންތަކަށް ފަސް ލައްކަ ރުފިޔާގެ ބަޖެޓެއް ދިނުމަށް ބެޖެޓުކޮށް، ރައީސްގެ އެދިވަޑައިގަތުމާ އެއްގޮތަށް ސްޕޯޓްސް ކައުންސިލުން މިއަދު ފާސްކޮށްފައިވާ ކަމަށެވެ.

"ހުރިހާ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް އަހަރަކު މަދުވެގެން 500،000 ރުފިޔާގެ ބަޖެޓެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދަވައިފި. ބަޖެޓްކޮށް އަދި ރައީސްގެ އެދިވަޑައިގަތުމާ އެއްގޮތަށް ސްޕޯޓްސް ކައުންސިލުން މިއަދު ވަނީ ފާސްކޮށްފަ،" މަހުލޫފު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ރައީސް ސޯލިހު، ވެރިކަމުގެ ފުރަތަމަ 100 ދުވަހުވެސް ކުޅިވަރަށް ގިނަ ކަންތައްތަކެއް ކުރެވުމަށް ނިންމަވާފައިވެއެވެ. އެގޮތުން ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުމަށާއި ރޫފަ ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް ކޮންމެ ރަށެއްގައި ހުނަރު ލިބިފައިވާ ސްޕޯޓްސް ކައުންސިލަރެއް ހަމަޖެއްސުމަށް ހަމަޖެހިފައިވެއެވެ.

އޭގެ އިތުރުން މުޅި ރާއްޖޭގެ ކުޅިވަރު އޯޑިޓެއް ހެދުމާއި އަންހެން އަދި ފިރިހެން ގައުމީ ޓީމަށް ދެވޭ އެލަވަންސްގައި ހުރި ފަރަގާއި ގައުމީ ޓީމުތަކަށް ދެވޭ އެލަވަންސްގެ ފަރަގު ނައްތާލުމާއި މޫދު ކުޅިވަރުގެ ކޮންވެންޝަން ބޭއްވުމާއި ދުޅަހޮޔެ ހަށިހެޔޮ އީދު މުޅި ރާއްޖޭގައި ބޭއްވެން ފެށުން އަދި އޮލިމްޕިކް ސައިޒުގެ ސުވިމިން ޕޫލް ކޮމްޕްލެކްސް މާލެ ސަރަހައްދުގައި ހަދަން ފެށުން ހިމެނެއެވެ.