ސާރާ އަލީ ޚާން އާއި ކާތިކް އާރްޔަންގެ ގުޅުމުގެ ވާހަކަ ދެކެވެން ފެށީ ކަރަން ޖޯހަރުގެ ކޮފީ ވިތު ކަރަންގައި ކާތިކްއާ ރައްޓެހިވާން ބޭނުންވާ ކަމަށް ސާރާ ބުނުމަށްފަހުއެވެ.
އޭގެ ފަހުން އިމްތިޔާޒުގެ ފިލްމު "ލަވް އާޖް ކަލް" ގައި ދެތަރިން މަސައްކަތް ފެށުމާއެކު ދެމީހުން ގުޅިގެން އުޅޭ ކަމުގެ ވާހަކަތައް މީޑިއާގައި ދެކެވެން ފެށިއެވެ. އެވާހަކަތަކަށް ރަސްމީކޮށް ދެތަރިންވެސް އެއްބަސްވެފައި ނުވާއިރު ދޮގު ކޮށްފައެއް ވެސް ނުވެއެވެ.
ނަމަވެސް މިހާރު ސާރާ މިވަނީ އެވާހަކަތައް ދޮގު ކޮށްފައެވެ. މުމްބާއީ މިރޯއަށް ދިން އިންޓަވިއުއެއްގައި ސާރާ ބުނީ އޭނާ ކާތިކްއާ ރައްޓެހި ނުވާ ކަމަށެވެ.
"އެއްވެސް އިރެއްގައި ކާތިކްއާ ރައްޓެއްސެއް ނުވަން. ފިލްމުގެ ސެޓުގައި ބައްދަލުވީ ވީރު އާ. ސާރާ އާއި ކާތިކް ރައްޓެއްސެއް ނުވޭ. އެކުގައި ނުވެސް އުޅޭ. ޑޭޓެއްވެސް ނުކުރޭ. އެއީ ޒޯއީ އަދި ވީރު" ސާރާ ބުންޏެވެ.
ފިލްމު ލަވް އާޖް ކަލްގައި ސާރާ ކުޅެނީ ޒޯއީގެ ރޯލެވެ. ކާތިކް އަކީ ވީރެވެ.
ލަވް އާޖް ކަލްގެ ޓްރެއިލާ ރިލީސްވެފައިވާއިރު އެއަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މި ފިލްމަކީ ސާރާގެ ބައްޕަ، ސުޕާސްޓާ ސައިފް އަލީ ޚާން މީގެ ކުރިން ކުޅުނު ފިލްމު ލަވް އާޖް ކަލްގެ ރީމޭކެވެ. ފިލްމު ރިލީސްކުރަން ހަަމަޖައްސާފައި ވަނީ މިމަހު 14ގައެވެ.