ޕީޕީއެމް

ޕީޕީއެމްގެ ކޮންގްރެސް މައްސަލައިގެ ހުކުމް އިއްވުން މާދަމާ ހައި ކޯޓުގައި ތާވަލުކޮށްފި

ޕީޕީއެމްގެ ކޮންގްރެސް މައްސަލައިގެ ހުކުމް އިއްވުން މާދަމާ ހައި ކޯޓުގައި ތާވަލުކޮށްފިއެވެ.

ޕީޕީއެމް އިން މިދިޔަ މަހުގެ މަހުގެ 28 ވަނަ ދުވަހު ބޭއްވި ކޮންގްރެސްގައި ނިންމި ނިންމުންތައް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގެން މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 1:00ގައި ބާއްވާ ގޮތަށެވެ.

މިމަހުގެ ހަތަރުވަނަ ދުވަހު ޕީޕީއެމްއިން ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި އެޕާޓީން އެދިފައިވަނީ ޕާޓީގެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އަދި އެ ޖަލްސާގައި ފާސްކުރި، ޕާޓީގެ އަސާސީ ގަވާއިދާއި މަގާމުތަކަށް އިންތިޚާބު ކުރި ފަރާތްތައް ޕާޓީގެ ދަފްތަރުގައި ހިމެނުމަށް އަމުރުކޮށް ދިނުމަށެވެ.

އެ މައްސަލައިގެ އަޑުއެހުންތައް މި މަހުގެ ފަހެއްގައި ފަށާފައިވާ އިރު، މިމަހުގެ 13 ވަނަ ދުވަހު ވަނީ އަޑުއެހުމެއް ބާއްވައިފައެވެ. އަދި ކުރިއަށް އޮތް އަޑުއެހުމުގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ހުކުމް އިއްވުމަށް ވަނީ ކޯޓުން ނިންމާފައެވެ. ކުރިން މިމަހުގެ 15 ވަނަ ދުވަހު ހުކުމް އިއްވުމަށް ހަމަޖެހިފައިވީ ނަމަވެސް، އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް އީސީ ބަލައިނުގަތުމަށް ނިންމި އިރު، ކޮންގްރެސް ހުއްޓުވައި ދިނުމަށް އެދި އެޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން 27 ނޮވެމްބަރު 2018ގައި އީސީއަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އީސީން އޭރު ބުނެފައިވަނީ ކޮންގްރެސް ހުއްޓުވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ޕީޕީއެމްގެ ހިންގުން ސިވިލް ކޯޓުގެ ހުކުމަކުން ރައީސް ޔާމީންއާ ހަވާލުކޮށްފައިވަނީ 16 އޮކްޓޯބަރު 2016 އެވެ.