ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރިފައިވާ ޗައިނާގައި ދޫނި ރޯގާ ފެތުރެން ފަށައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އެޗްފައިވްއެންވަން އޭވިއަން އިންފުލުއެންޒާ ނުވަތަ ދޫނި ރޯގާ ފެނިފައިވަނީ ހުނާން ޕްރޮވިންސްގެ ޝައޯޔަންގުގެ ފާމަކުންނެވެ. އަދި ރޯގާ ފެނުމާއެކު އެފާމް މިހާރު ވަނީ ބަންދުކޮށްފައެވެ.
ޗައިނާގެ އެގްރިކަލްޗާ އެންޑް ރޫރަލް އެފެއާސް އިން އިއްޔެ ބުނީ، ދޫނި ރޯގާ ފެނުނު ފާމުގައި 7850 ކުކުޅު ގެންގުޅެމުންދިޔަ ކަމަށާއި ނަމަވެސް ރޯގާގައި މިހާތަނަށް 4500 ކުކުޅު މަރުވެފައިވާ ކަމަށެވެ.
އޭގެ އިތުރުން އެ ރޯގާ ފެތުރެން ފެށުމާއެކު މިހާތަނަށް 178282 ކުކުޅު މަރާލައި، ނައްތާލެވިފައިވާ ކަމަށް ޗައިނާގެ އެގްރިކަލްޗާ މިނިސްޓްރީން ބުނެއެވެ. ނަމަވެސް އެރޯގާ އެއްވެސް އިންސާނަކަށް އަދި ޖެހިފައެއް ނުވެއެވެ.
ދޫނި ރޯގާއަކީ ދޫނިތަކަށް ނޭވާލާ ނިޒާމުގެ ނުރައްކާތެރި ބަލިތައް ޖެހޭ ރޯގާއެކެވެ. އިންސާނުންނަށް ވެސް ޖެހޭ އެ ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާއިން 1996 ވަނަ އަހަރުއެވެ. އެ ވައިރަސް ފުރަތަމަ ފެނުނީ ގީސް އަކުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ބުނާގޮތުގައި ދޫނި ރޯގާއަކީ އެއް އިންސާނެއްގެ ކިބައިން އަނެއް އިންސާނަކަށް ޖެހިދާނެ ނަމަވެސް ޖެހުން އުދަނގޫ ރޯގާއެކެވެ. އެ ރޯގާ އިންސާނުންނަށް ގިނައިން ޖެހެނީ ބަލިޖެހިފައިވާ ދޫންޏެއްގެ ފަރާތުންނެވެ.
ޗައިނާގައި ދޫނި ރޯގާ ފެތުރެން ފަށާފައި މިވަނީ، މިހާތަނަށް ވެސް ފަރުވާއެއް ހޯދިފައި ނެތް ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން ޗައިނާ އާއި ދުނިޔޭގެ އެހެން ގައުމުތަކުން އެބަލި ޖެހިފައިވާ 11900 އަށްވުރެ ގިނަ މީހުން ފެނިފައިވާއިރު އިއްޔެގެ ނިޔަލަށް އެބަލީގައި 259 މީހުން ވަނީ މަރުވެފައެވެ. ނަމަވެސް ޗައިނާއިން ބޭރުން އެބަލި ޖެހިގެން އެއްވެސް މީހަކު އަދި މަރުވެފައެއް ނުވެއެވެ.