އިބްރާހިމް ޒަކީ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާއިރު، ލިސްޓަށް 373 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކުރަމް ވިދާޅުވީ، ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި އެންމެ ގިނައީ، މަރުވެފައިވާ ކަމަށް ބުނާ މީހުން ލިސްޓުގައި ހިމެނިފައިވާ މައްސަލަ އާއި އެޑްރެސް ބަދަލު ވެފައިވާ މައްސަލަތައް ކަމަށެވެ. ނަމަވެސް އެހެން ބައެއް ކުދި ކުދި ޝަކުވާތައް ހިމެނޭ ކަމަށްވެސް އަކުރަމް ވިދާޅުވިއެވެ.
އަކުރަމް ވިދާޅުވީ، ލިސްޓުގައި ހުރި މައްސަލަތައް އިސްލާހު ކުރުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން ލިސްޓުގައި ހިމެނޭ މައްސަލަތައް ރަނގަޅު ކުރުމަށްފަހު ފަސް ދުވަހުގެ ތެރޭގައި، ޝަކުވާއަށް އަލުން ލިސްޓު އިއުލާނު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަކުރަމް ވިދާޅުވީ އިސްލާހުކުރުމަށްފަހު ނެރޭ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދޭނީ ތިން ދުވަސް ކަމަށެވެ. އަދި އެ ފުރުސަަތު އޮންނާނީ މިހާރު ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން އަލުން ޝަކުވާއެއް ހުށަހަޅަން ބޭނުން ނަމަ އެ ފަރާތަކަށް ކަމަށްވެސް އަކުރަމް ވިދާޅުވިއެވެ.
އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އީސީން އާންމުކޮށްފައިވާ އިރު، އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމުލަ 269،623 މީހުންނަށެވެ.
އެއީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނު މީހުންނަށްވުރެ 5181 އިތުރު އަދަދެކެވެ. މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 264،442 މީހުންނަށެވެ.