އޭއެފްސީ ކަޕްގައި ވާދަކުރާ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބަންގުލަދޭޝަށް މާދަމާ ހެނދުނު ފުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އެކުލަބުން ބުނެފިއެވެ.
މާޒިޔާގެ މީޑިއާ އޮފިޝަލު ހަސަން ޝިފާން "ވަން އޮންލައިން"އަށް މައުލޫމާތު ދެމުން ބުނީ މާޒިޔާ އެންމެ ފުރަތަމަ ކުޅެން ހަމަޖެހިފައިވަނީ އޭފްސީކަޕްގެ ޕްލިމިނަރީ ސްޓޭޖް ދޭއް ކަމަށެވެ. ޕްލިމިނަރީގައި ހޯމް އެންޑް އަވޭ އުސޫލުން މާޒިޔާ ކުޅެން ހަމަޖެހިފައިވަނީ ބަނގުލަދޭޝްގެ ޑާކާ އަބަހާނީ އާ އެވެ.
މި މެޗުން މޮޅުވެއްޖެނަމަ މާޒިޔާ އަށް ޕްލޭ އޮފްގެ ޖާގައެއް ލިބިގެންދާނެއެވެ. ޕްލޭ އޮފްގައި މާޒިޔާ ކުޅެން ޖެހޭނީ އިންޑިއާގެ ބެންގަލޫރު އެފްސީ ނުވަތަ ބޫޓާންގެ ޕަރޯ އެފްސީ އާއި ދެކޮޅަށެވެ. އަދި ޕްލޭއޮފްގައި މޮޅުވެއްޖެނަމަ ގުރޫޕް ސްޓޭޖުން ޖާގަ ލިބިގެންދާނެ ކަމަށް ޝިފާން ބުންޏެވެ.
މާޒިޔާ ކުޅެން ޖެހޭ ފުރަތަމަ މެޗު ކުޅޭނީ ފެބުރުއަރީ ފަސް ވަނަ ދުވަހު ބަންގްލަދޭޝްގައެވެ. އަދި ދެވަނަ މެޗު ކުޅޭނީ ފެބުރުއަރީ މަހުގެ ބާރަ ވަނަ ދުވަހު މާލޭގައެވެ.
މަޒިޔާ އަކީ މިހާރު ދިވެހި ރާއްޖޭގެ ލީގުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމެވެ. އަދި މާޒިޔާ ވަނީ ބޮޑު ތަފާތަކުން އެންމެ ފަހުގެ ދިވެހި ޕްރިމިއަރ ލީގު ވެސް ކާމިޔާބު ކޮށްފައެވެ. މާޒިޔާގެ އިތުރުން ދެން ރާއްޖެއިން މި މުބާރާތުގައި ވާދަކުރަނީ ޓީސީ ސްޕޯޓްސް ކްލަބެވެ. އެޓީމު މުބާރާތަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ އަށް ވަނަ ދުވަހުއެވެ.