62 ވަނަ ގްރެމީ އެވޯޑަށް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ލީ ހެދުމާ ގުޅިގެން އެއްބަޔަކު ތައުރީފު ކުރަމުން އަންނައިރު ފާޑު ކިޔާ މީހުންވެސް މަދެއް ނޫނެވެ.
ރަލްފް އެންޑް ރުސޯ ޑިޒައިންކޮށްފައިވާ އެހެދުމާ ގުޅިގެން އެހާ ބޮޑު ބަހުސެއް ކުރަނީ ހެދުމުގެ ކަރު ފުންކަމުން ޕްރިޔަންކާގެ މޭމަތި އެހާ ހާމައަށް ފެންނާތީއެވެ. އަދި 2000 ވަނަ އަހަރު ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒްގެ އައިކޮނިކް ލުކްއާވެސް އެހެދުން ވައްތަރު ވުމުންނެވެ.
ޕްރިޔަންކާއަށް މީސް މީޑިއާގައި ކުރަމުންދާ ފުރައްސާތަކަށް ޖަވާބު ދިނީ އޭނާގެ މަންމަ މަދޫ ޗޯޕްރާއެވެ.
"އަހަރެން އުފާކުރަން އެގޮތަށް ފާޑުކިޔާތީ. އޭގެ ސަބަބުން ޕްރިޔަންކާ ސްޓްރޯންގް ވާނެ. އޭނަ ދިރިއުޅެނީ އޭނާ ބޭނުންވާ ގޮތަށް. އެހެން މީހަކަށް ގެއްލުން ނުދޭހާ ހިނދަކު އެއީ މައްސަލައެއް ނޫން. އެއީ އޭނާހެ ހަށިގަނޑު، އޭނަ ބޭނުން ގޮތެއް ހެދޭނެ." ޕްރިޔަންކާއަށް ކުރާ ފުރައްސާރަތަކާ ދެކޮޅަށް މީސް މީޑިއާގައި ދިން ރައްދުގައި މަދޫ ބުންޏެވެ.
މަދޫ އިތުރަށް ބުނީ އެގޮތަށް މީސް މީޑިއާގައި ޓްރޮލްސް ހަދައި މީހުނަށް ފުރައްސާރަ ކުރަނީ ކޮމްޕިއުޓަރު ފަހަތުގައި ފިލައި ތިބޭ މީހުން ކަމަށެވެ. އެމީހުންގެ ދިރިއުޅުމުގައި ކުރާނެ އިތުރު މާބޮޑު ކަމެއް ނެތުމުން އެހެން މީހުނާ ބެހިގެން އެޓެންޝަން ހޯދުމަށް މަސައްކަތް ކުރަނީ ކަމަށް މަދޫ ބުންޏެވެ. ގިނަ ފަހަރު އެ ޕޯސްޓުކުރާ އެއްޗެހި އެމީހުން އަމިއްލަ އަށް ގަބޫލު ނުވެސް ކުރާ ކަމަށާއި ނަމަވެސް ލިބޭ އެޓެންޝަނުން އެމީހުން ހިތްހަމަޖެހެނީ ކަމަށް މަދޫ ބުންޏެވެ.
ހެދުމާ ގުޅޭ ގޮތުން މަދޫ ބުނީ އެހެދުމަކީ ރިސްކެއް ނަމަވެސް ޕްރިޔަންކާ ވަނީ ވަރަށް ސަޅިކޮށް ހެދުންއަޅާފައިކަމަށެވެ.
"އަހަރެންނަށް އެހެދުން ވަރަށް ރީތި. ހެދުން ލުމުގެ ކުރިން އޭގެ ސާމްޕަލެއް އަހަަރެންނަށް ދެއްކި. ހިތަށް އެރި ރިސްކެކޭ. ނަމަވެސް ވަރަށް ސަޅި ކޮށް ހެދުން ވަނީ ކެރީކޮށްފައި. އަނެއްކާ އެއީ އެ އިވެންޓެއް އެންމެ ރީތި ހެދުންތަކުގެ ތެރެއިން އެއް ހެދުން" މަދޫ ބުންޏެވެ.
ޕްރިޔަންކާ ގްރެމީއަށް ލި ހެދުމާ ގުޅޭ ގޮތުން ދިން އިންޓަވިއުގައި ބުނީ އެހެދުން ލި އިރު މޭމަތި އެހާ ހާމަކޮށް ފެނުނު ނަމަވެސް ހެދުމުގައި ހަމުގެ ކުލައިގެ ފޮތިކޮޅެއް ވާކަމަށެވެ. އޭގެ ސަބުން ދެކޮނޑު ހިފަހައްޓާފައިވާކަމަށާއި އެހެންވެ އޭނާ ހެދުން ލާފައި ހުރި އިރު އެއްވެސް ރިސްކެއް ނެތްކަމަށެވެ.
"މީހުންގެ ލޮލަށް ނުފެންނަނީ އަސްލު. ހާއްސަކޮށް ފޮޓޯއަށް ނާރާނެ. ހަމަ ސީދާ ހަން ކުލައިގެ ފޮތިކޮޅެއް މޭމަތީގައި އިން. ފާޑެއްގެ ނެޓް ފޮއްޗެއް. އެހެން ނޫންނަމަ އެހެދުން ނުލެވުނީސް" ޕްރިޔަންކާ ބުންޏެވެ.