އެސްޓީއޯ ފާމަސީތަކުން ފޭސް މާސްކު ހުސް ނުވާ ކަމަށާއި ނަމަވެސް މާސްކު ވިއްކަނީ ކޮންޓްރޯލް ކޮށްގެން މީހަކަށް ތިން މާސްކު ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ ސްޕޯކްސްޕާސަން އަބްދުﷲ މުހައްމަދު ވިދާޅުވީ އެސްޓީއޯގެ ސްޓޮކުގައި ހުސްނުވާ ވަރަށް މާސްކު ހުރި ކަމަށެވެ. ނަމަވެސް ހާލަތު ހުރި ގޮތުން މާސްކު ވިއްކަމުން ދަނީ ކޮންޓްރޯލް ކޮށްގެން ކަމަށް އަބްދުﷲ ވިދާޅުވިއެވެ.
އަބްދުﷲ ވިދާޅުވީ އެސްޓީއޯގެ ހުރިހާ ފާމަސީއަކުންވެސް ދެ ރުފިޔާއަށް މާސްކު ލިބެން ހުންނާނެ ކަމަށެވެ. އަދި މާސްކު ވިއްކަނީ ކޮންމެ މީހަކަށް ތިން މާސްކުގެ މަގުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސެނެޓައިޒާ ފުޅީގެ އަގު ބޮޑުކޮށްފައިވާ ވާހަކައާ ގުޅިގެންވެސް އަބްދުﷲ މައުލޫމާތުދެއްވިއެވެ. އޭނާ ވިދާޅުވީ ސެނެޓައިޒާ ފުޅީގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި ހޮސްޕިޓަލުތަކުގައި ބޭނުންކުރާ ސައިޒުގެ ބޮޑެތި ސެނެޓައިޒާ ފުޅި ހަމަ ކުރިންވެސް ވިއްކި އަގުގައި އެސްޓީއޯ ފާމަސީތަކުން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހަކު ފެނުމާ ގުޅިގެން މާލޭގައި މާސްކުގެ ޑިމާންޑު ވަނީ ބޮޑުވެފައެވެ. އެސްޓީއޯ އިން އަގުހެޔޮކޮށް މާސްކު ވިއްކަން ފެށި ނަމަވެސް ބައެއް އަމިއްލަ ފާމަސީތަކުން އަންނަނީ އަގުބޮޑުކޮށް މާސްކު ވިއްކަމުންނެވެ.