ކައިވެނި ކުރަން އުޅުނު އިރު ނުކުރުމަށާއި ކެރިއާ މުޅިންހެން ގެއްލިގެން ހިނގައިދާނެ ކަމަށް މީހުން ބުނި ކަމަށް ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ޚާން ބުނެފިއެވެ.
ރޭޑިއޯ އިންޓަވިއު އެއްގައި ކަރީނާ އަށް މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ކަރީނާ ބުނި ގޮތުގައި، އަބަދުވެސް އޭނާ އަކީ ހިތް ބުނާ ގޮތެއް ފޮލޯ ކުރާ މީހެކެވެ. އަދި ކައިވެނި ކުރަން އުޅުނު އިރު ޕްރޮޑިއުސަރުންވެސް ފިލްމް ތަކުން ފުރުސަތު ނުދޭނެ ކަމަށާއި، އިތުރަށް ބޮލީވުޑުން ކުރިއެރުން ނުލިބޭނެ ކަމަށް އޭނާ ގާތު މީހުން ބުނި ކަމަށް ކަރީނާ ބުންޏެވެ.
ނަމަވެސް ކައިވެންޏަށް ފަހު ކުރިއަށް ވުރެ މާ ގިނަ މަސައްކަތް ކުރެވޭ ކަމަށާއި، ބައެއް ފަހަރު އަމިއްލަ އަށްވެސް މަސައްކަތް ކުރުން ހުއްޓާލުމަށް ބޭނުންވާހާ ބިޒީ ކަމަށް ކަރީނާ ފާހަގަ ކުރިއެވެ.
38 އަހަރުގެ ކަރީނާ ކައިވެނި ކޮށްގެން އުޅެނީ ބޮލީވުޑްގެ ނަވާބް ސައިފް އަލީ ޚާން އާއެވެ. ދެމަފިރިންނަށް ވަނީ ފިރިހެން ކުއްޖެއްވެސް ލިބިފައެވެ.
ކަރީނާ ބުނި ގޮތުގައި މީހުން ބުނާހާ ކަންކަމަށްވުރެ އިސްކުރަނީ އަމިއްލަ އަށް ބޭނުންވާ ކަންކަމެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރާނީ ހިތް އެދޭ ގޮތަށް ކަމަށް ކަރީނާ ބުންޏެވެ.
އެހެން އަންހެނުން ވެސް ވީ އެމީހުން ހިތް އެދޭ ކަންކަމާއި ނޭދޭ ކަންކަން ފާޅުކޮށް ބުނެ އަމިއްލަ ރައިޓްސް ހޯދުމަށް މަސައްކަތް ކުރަން ފަށަން ކަމުގައި ކަރީނާ އިތުރަށް ވަނީ ބުނެފައެވެ.