ސިއްހަތު

އަލުން ކިޔާލުމަށް: އެހައި ގިނަ ވައިރަހާ އެކު ވާ ދިރިއުޅެނީ ކިހިނެއް؟

ފާޠިމަތު ސަރީރާ ޢަލީ ޝަރީފް

4

މިއީ "ނިއުޔޯކް ޓައިމްސް"ގައި 28 ޖަނަވަރީ 2020 ގައި ޖޭމްސް ގޯރމަން ޝާޢިއުކޮށްފައިވާ ލިޔުމަކުން މަޢުލޫމާތު ނަގައިގެން ލިޔެފައިވާ ލިޔުމެކެވެ. ހަވާލާދެވުނު ލިޔުމުގައި ބުނާ ގޮތުން، ކޮރޯނާ ވައިރަސް ފެތުރެން ފަށާފައި މި ވަނީ ވާލުގެ ފަރާތުން ކަމަށް ބެލެވެއެވެ. ވާލުގެ ދިފާޢީ ނިޒާމުގެ ވަރުގަދަކަމުން، އެތައް ބައިވަރު ބަލިތަކެއް ފަތުރާ ވައިރަހާއެކު ވެސް އެއަށް ދިރިއުޅެވެއެވެ.

މީގެ ކުރީން ކޮރޯނާ ވައިރަސް ފެތުރިފައިވާ ގޮތަށް ބަލާއިރު، މިހާރު ފެތުރެމުން މިދާ ކޮރޯނާ ވައިރަސްގެ "ވޫހަން" ސްޓްރެއިންގެ ފެށުން އާޚިރުގައި ވާލާ ގުޅިދާނެ ކަމަށް ބެލެވެއެވެ.

ޖަނަވާރުންގެ ކިބައިން އިންސާނުންނަށް އަރާ ބަލިބައްޔާ ބެހޭ ގޮތުން ދިރާސާކުރުމުގެ މަސައްކަތް މިދިޔަ 15 އަހަރު ޗައިނާގައި ކުރަމުން ގެންގޮސްފައިވާ، "އިކޯ ހެލްތު އެލާޔަންސް"ގެ ރައީސް، ޑރ. ޕީޓަރ ޑާސްޒެކް، ބުނެފައިވާ ގޮތުން މިހާރު ފެތުރެމުން މި ދާ ކޮރޯނާ ވައިރަސް ފެތުރެން ފަށާފައި މި ވަނީ ކިހައި ހިސާބަކުން ފެށިގެންކަމެއް އަދިއެއް ނޭނގެއެވެ. އެހެން ނަމަވެސް، މި ވައިރަހަކީ ވާލުގެ ކިބައިން ފެށިގެން އުޅޭ ވައިރަހެއް ކަމަށް ބާރުލިބޭ ވަރުގަދަ ހެކިތައް އެބަހުރި ކަމަށް އޭނާ ބުނެއެވެ. އަދި، މިއީ ޗައިނާގައި ވަރަށް އާންމު، ބަރުދަނުގައި ގާތްގަނޑަކަށް އެންމެ އައުންސެއް ހުންނަ "ޗައިނީސް ހޯސްޝޫ ބެޓް" އޭ ކިޔާ ވާލަކުން ފެށިގެން އުޅޭ ވައިރަހަކަށް ވުން ގާތް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

"ސާސް" އާއި "މަރސް" ގެ އިތުރުން، އެތައް ބައިވަރު އޫރުތަކެއް މަރައިލި ބޮޑު ވައިރަލް ބަލިމަޑުކަން ވެސް ފެށިފައިވަނީ ވާލުންނެވެ.

އެފްރިކާއާއި، މެލޭޝިއާއާއި، ބަންގްލަދޭޝްއާއި، އޮސްޓްރޭލިއާގައި ބޮޑެތި ބަލިމަޑުކަން ފެތުރެން މެދުވެރިވި "މާބަރގް" ވައިރަހާއި، "ނިޕާ" ވައިރަހާއި، ""ހެންޑްރާ" ވައިރަސްގެ ވެސް ޠަބީޢީ ގެދޮރަކީ ވާލުގެ ހަށިތަކެވެ. ގަބޫލުކުރެވޭ ގޮތުގައި އެބޯލާ ވައިރަސް ވެސް ދިރިއުޅެނީ ވާލުގެ ހަށިތަކުގައެވެ. ވާލަކީ ރޭބީސް ވައިރަސް ވެސް އުފުލާ ޖަނަވާރެކެވެ. ނަމަވެސް ރޭބީސްގެ ސަބަބުން ވާ ވެސް ބަލިވެއެވެ.

ވާލުގެ ކިބައިގައި ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެހެން އެއްވެސް މަންމައްޔަކަށް (މެމަލް) ލިބިފައި ނުވާ ފަދަ ވަރުގަދަ ދިފާޢީ ނިޒާމެއް އެއަށް ލިބިފައި ވުމެވެ. އެހެންކަމުން، އެތައް ބައިވަރު ބައްޔެއްގެ ވައިރަހާއެކު އުޅޭ އިރުވެސް ވާލަކަށް އެކަމަކުން މާ ބޮޑު އަސަރެއް ނުކުރެއެވެ. މަންމަލީގެ ތެރެއިން އުދުހެވޭ ހަމައެކަނި އެއްޗަކީ ވާލެވެ. ވާލަކީ ބަލިބަލީގެ ޖަރާސީމު އުފުލާ އެތައް ބައިވަރު ފަނިފަކުސައެއްގެ އެތައް ޓަނެއް ކާ އެއްޗަކަށް ވާ އިރު، ކޭލާއި، އެވަކާޑޯއާއި، އަނބު ފަދަ އެތައް މޭވާއެއްގެ މާ ޖޯޑުކުރުވުމުގައި ވެސް ވާލުގެ ދައުރު ވަރަށް ވެސް މުހިންމެވެ.

އެހެންނަމަވެސް، އެހެނިހެން ދިރޭ ތަކެއްޗަށް، ޚާއްޞަކޮށް އިންސާނުންނަށް، ވާސިލުވެދާ ފަދަ އެތައް ބައިވަރު ވައިރަހަކާއެކު އުޅުމުގެ ޤާބިލުކަން ލިބިފައިވާ ވާލުގެ މަސް ކެއުމާއި، ދިރޭ ޖަނަވާރު ވިއްކާ މާރުކޭޓުތަކުގައި އެތަކެތި ގަނެވިއްކުމާއި، އެ ތަކެތި ދިރިއުޅޭ ސަރަހައްދުތަކަށް ވަނުމަކީ އެ ކަންކަމުގެ ސަބަބުން ފަނާކުރަނިވި ނަތީޖާތަކެއް ނުކުމެދާނޭ ކަންކަމެވެ.

އެހައި ގިނަ ވައިރަސް އުފުލައި، އެ ވައިރަސްތަކާއެކު ވާ ދިރިއުޅެނީ ކިހިނެއްކަމާ މެދު ކުރެވޭ ސުވާލަކީ ވަރަށް ފުންކޮށް އެކަމާ މެދު ސައެންސްވެރިން ވެސް ވިސްނާ ސުވާލެކެވެ. ފަހުގެ ދިރާސާތައް ދައްކާ ގޮތުން، މި ސުވާލުގެ ޖަވާބަކީ ވާލުގެ ދިގު އުދުހުންތަކަށް ގެންނަން ޖެހޭ ބަދަލާ ގުޅޭ ގޮތަށް އޭގެ ދިފާޢީ ނިޒާމަށް ބަދަލު އަންނަ ގޮތްކަމަށް ވުން އެކަށީގެން ވެއެވެ.

2018 ވަނަ އަހަރު "ސެލް ހޯސްޓް އެންޑް މައިކްރޯބް" ގައި ޝާޢިއުކޮށްފައިވާ ކަރުދާހެއްގައި، ޗައިނާއާއި ސިންގަޕޫރުގެ ސައެންސްވެރިންތަކެއް، "ޑީ.އެން.އޭ ސެންސިންގ" ކިޔާ އެއްޗަކާ ބެހޭ ގޮތުން ރިޕޯޓުކޮށްފައި ވެއެވެ. ވާލުގެ ދިގު އުދުހުންތަކަށް ބޭނުންވާ ހަކަތައިގެ މިންވަރު މަތިކަމުން، ހަށިގަނޑުގެ ތެރޭގައި ބައެއް ހަތާ (ސެލް) ހަލާކުވެ، ޑީ.އެން.އޭގެ އެތިއެތިކޮޅު ހުންނަން ނުވާ ތަންތަނަށް ދާކަމަށް ވެއެވެ. މި ފަދަ އެތިއެތިކޮޅު، އެއީ ބަލިޖައްސާ ދިރުމަކަށް ވެދާނެ ކަމަށް ޓަކައި، އެ އެއްޗެތި ދެނެގަނެ އެއަށް ހަމަލާ ދެވޭނޭ ގޮތްތައް މަންމަލިންގެ ހަށިގަނޑުގައި ހުރެއެވެ. މި ގޮތުން، ހަށިގަނޑުން ވައިރަހަކާ ކުރިމަތިލައިގެން އުޅޭއިރު، ބައްޔެއް ވެގެން ނުވަތަ އަނިޔާއެއް ވެގެން އުޅޭ އިރު ވާ ގޮތަށް، އެ ވައިރަހެއް ހުރި ހިސާބެއް ރަތްވުމާއި ދުޅަވުމާއި އެ ތަނަކަށް ތަދުވުން ފަދަ ކަންކަން އެ މަންމައްޔަކަށް ކުރިމަތިވެއެވެ. އެހެންނަމަވެސް، މި ސައެންސްވެރިންގެ ހޯދުންތަކުން ދައްކާ ގޮތުގައި، ވާލަށް އަންނަމުން ގޮސްފައިވާ ބަދަލުތަކާއެކު، އޭގެ މި ނިޒާމު ވަނީ ބަލިކަށި ވެފައެވެ. އެހެންކަމުން ވައިރަހާ ކުރިމަތިލުމުގައި މާ ވަރުގަދަޔަށް ހަމަލާދިނުމުގެ ބަދަލުގައި، ވާލުގެ ދިފާއީ ނިޒާމުން ހަމަލާދެނީ އެ ކަމަށް ފުދޭ މިންވަރަށް ކަމުން، ވައިރަހަކާ ކުރިމަތިލައިގެން އުޅޭ އިރުވެސް ވާލަކަށް އެކަމަކުން މާކަ ބޮޑު އަސަރެއް ނުކުރެއެވެ.

"nCoV-2019" ވައިރަހުން ފެތުރެމުން މި ދާ ބަލިމަޑުކަން ހުއްޓުވާނޭ ގޮތެއް ހޯދުމަކީ ވަރަށް ވެސް މުހިންމު ކަމަކަށް މި ވަގުތު މި ވަނީ ވެފައެވެ. އެހެންނަމަވެސް، މި ވައިރަހުގެ ފެށުން ހޯދުމާއި، ފެތުރެމުން މި ދާ ބަލިމަޑުކަން އިތުރަށް ފެތުރުން ހުއްޓުން ކޮންމެވެސް ވަރަކަށް ބިނާވެގެން ވަނީ ވާލާ ގުޅޭ މަޢުލޫމާތު ދެނެގަތުމާއި ވާލުގެ އުޅުން ހުންނަ ގޮތް ބަލަމުން ގެންދިއުމުގެ މައްޗަށެވެ. ޑރ. ޑާސްޒެކް ބުނެފައި ވަނީ މި ބަލިމަޑުކަން ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް، މި ވައިރަސްގެ އަސްލު ފެށުން ދެނެނުގަނެވިއްޖެ ނަމަ، މި ބަލި ފެތުރެމުން ހިނގައިދާނެ ކަމަށެވެ.

މިހާރު ފެތުރެމުން މި ދާ ވައިރަސް ފެތުރެން ފަށާފާނެކަމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތްކަން ރަނގަޅަށް އެނގޭތީ، ޗައިނާގެ ސައެންސްވެރިން އައީ ކުރީއްސުރެވެސް ވާލުގެ ކަންކަން ބަލައި، ފަރުވާތެރިކަމާއެކު ދިރާސާކުރަމުންނެވެ.

ދެން ބޮޑު ބަލިމަޑުކަމެއް ފެތުރޭނީ ވާލުގެ ފުށުން ފެތުރޭ ކޮރޯނާވައިރަސް އަލުން ފެންމަތިވެގެން ކަމަށާއި، މި ގޮތުން މި ބަލި އެންމެ ބޮޑަށް ފެތުރޭ ތަނަކަށް ޗައިނާ ވުން އެކަށީގެންވާ ކަމަށް ވެސް، ވާލުގެ ފުށުން ފެތުރޭ ކޮރޯނާ ވައިރަހާ ބެހޭ ގޮތުން ޗައިނާގެ ސައެންސްވެރިންތަކެއް މިދިޔަ އަހަރު ލިޔުނު ކަރުދާހެއްގައި ބުނެފައިވެއެވެ.

މީދަލާއި ހިނކަދީގެ އާއިލާއާއި، މަކުނު އާއިލާއާއި، ދޫނި އާއިލާގެ ޖަނަވާރުންވެސް އިންސާނުންގެ ގަޔަށް އަރާ ބަލިބަލި އުފުލައެވެ. އަދި އެ ފަދަ ޖަވާރުންގެ ފުށުން އިންސާނުންގެ ގަޔަށް ބަލިބަލި އަރާފައި ވެސް އެބަހުއްޓެވެ. މި މޭރުމުން ވިސްނާއިރު ވާލަކީ ވަކި ތަފާތު ޖަނަވާރެއް ވެސް ނޫނެވެ. އެހެންނަމަވެސް، އެހައި ގިނަ ބަލިބަލި ފެތުރެން މެދުވެރި ވެފައިވާ، އަދި ފަހުންވެސް މެދުވެރިވާނޭ ކަމަށް ބެލެވޭ މި ޖަނަވާރާ މެދު ޚާއްޞަކޮށް ސަމާލުވާން ޖެހޭ ސަބަބުތަކެއް އެބަހުއްޓެވެ.

ފުރަތަމަ ކަމަކީ، ވާލަކީ އޭގެ ވައްތަރުތައް ވެސް އާދަޔާ ޚިލާފަށް ގިނަ އެއްޗެއް ކަމަށް ވުމެވެ. މުޅި މަންމަލި "ސްޕީޝީސް" ގެ ގާތްގަނޑަކަށް ހަތަރު ބައިކުޅަ އެއް ބަޔަކީ ވާލުގެ ވައްތަރުތައް ކަމަށް ވެއެވެ. އަދަދު ގިނަކަމާއެކު ވާލަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ޖަނަވާރެކެވެ. މަންމަލި އާއިލާގެ %25އަކީ ވާލުގެ ވައްތަރުތައް ކަމަށް ވާއިރު، %50އަކީ މީދަލާއި ހިކަނދީގެ އާއިލާގެ ވައްތަރުތަކެވެ. އިންސާނުންނާއި އެހެން ހުރިހާ މަންމައްޔެއް ހިމެނެނީ ބާކީ %25ގެ ތެރޭގައެވެ.

ދެ ވަނަ ކަމަކީ، "އެންޓާކްޓިކާ" ފިޔަވައި ދުނިޔޭގެ އެހެން ހުރިހައި ބައްރެއްގައި ވާ އުޅޭ އިރު، މި އެއްޗެހި އުޅެނީ އިންސާނުންނާއި ދަނޑުބިންތަކާ ވަރަށް ގާތުގައެވެ. ވާލަށް ލިބިފައިވާ ދިގު އުދުހުމުގެ ޤާބިލުކަމުގެ ސަބަބުން އެކި ސަރަހައްދުތަކަށް އުދުހިގެން ގޮސް ފެތުރިގަނެއެވެ. އަދި ވާލުގެ ނަޖިހަކީ އެއިންވެސް ބަލި ފެތުރިދާނޭ އެއްޗެކެވެ.

ތިން ވަނަ ކަމަކީ، ދުނިޔޭގެ ވަރަށް ގިނަ ސަރަހައްދުތަކުގެ މީހުން ވާލުގެ މަސް ކައި އުޅެއެވެ. އަދި ދިރޭ ޖަނަވާރު ވިއްކާ މާރުކޭޓުތަކުގައި ދިރޭ ވާލުގެ ވިޔަފާރި ކުރެއެވެ. "SARS" ފެތުރެން މެދުވެރިވި ސަބަބަކީ މިއެވެ. އަދި، އެންމެ ފަހުން ޗައިނާގެ "ވޫހަން" ސިޓީގައި ފެތުރެން ފެށި ކޮރޯނާ ވައިރަސް ފެތުރެން ފަށާފައި ވަނީ ވެސް މި ގޮތުން ކަމަށް ބެލެވެއެވެ.

ހަތަރު ވަނަ ކަމަކީ، ވާ އާންމުކޮށް ދިރިއުޅެނީ ބައިގަނޑުގަނޑަށް ހޮހަޅަތަކުގައެވެ. މިހެން ބައިބޯވުމަކީ ވެސް އެކަތީގެ ކިބައިން އަނެކައްޗަށް ފަސޭހަކަމާއެކު ވައިރަސް އަރަން މެދުވެރިވާ ސަބަބެކެވެ.

ފަސް ވަނަ ކަމަކީ، "ނޭޗަރ"ގައި 2017 ވަނަ އަހަރު ޑރ. ޑާސްޒެކްއާއި އޭނާގެ ޓީމުން ޝާޢިއުކޮށްފައިވާ ލިޔުމެއްގައި ރިޕޯޓުކޮށްފައި ވާ ގޮތުން އެ މީހުން ވަނީ 754 މަންމަލި ސްޕީޝީސްއާއި 586 ވައިރަލް ސްޕީޝީސްގެ ޑޭޓާބޭސްއެއް ތައްޔާރުކޮށް، އޭގެ ތެރެއިން ވަކިވަކި މަންމަލިން އުފުލަނީ ކޮންކޮން ވައިރަހެއްކަމާއި، އެ ވައިރަހުގެ ސަބަބުން މި މަންމަލިންނަށް ކުރަނީ ކޮންކަހަލަ އަސަރުތަކެއްކަން ރެކޯޑުކޮށްފައެވެ. މި ސައެންސްވެރިންގެ ލިޔުމުގައި ބުނެފައި ވާ ގޮތުން، އެހެން ހުރިހާ މަންމަލި އާއިލާތަކަށް ވުރެ ގިނަ "ޒޫނޯސަސް" (އެއް ޖަނަވާރުގެ ގައިން އަނެއް ޖަނަވާރަށް، އަދި ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ޖެހޭ ގައިން ގަޔަށް އަރާ ބަލިތައް) ވާލުގެ ހަށިގަނޑުގައި ހުރެއެވެ.

ހަ ވަނަ ކަމަކީ، މި ބަލިތަކާއެކު ވާ ހަމައެކަނި އުޅެނިއްޔަކީ ވެސް ނޫނެވެ. އެހައި ކުޑަ ޖަނަވާރަކާ ބަލާފައި ވާލުގެ އުމުރުވެސް އާދަޔާ ޚިލާފަށް ދިގެވެ. އެމެރިކާގައި ވަރަށް އާންމުކޮށް އުޅޭ، "ބިގް ބްރައުން ބެޓް" އޭ ކިޔާ ނަން ދެވިފައިވާ ވާލަކީ ގާތްގަނޑަކަށް ވިއްސަކަށް އަހަރު ވާންދެން ދިރިއުޅޭ އެއްޗެކެވެ. އެހެން އެއްޗެހި ގާތްގަނޑަކަށް 40 އަހަރުވާންދެން ދިރިއުޅެއެވެ. ގޭގޭގައި މި އުޅޭ މީދަލުގެ އުމުރަކީ ގާތްގަނޑަކަށް ދެ އަހަރެއްހައި ދުވަސްކަމަށް ވެއެވެ.

ތެދެކެވެ. އާންމު ސިއްހަތަށްޓަކައި ވާލުގެ ކަންކަން ދިރާސާކޮށް ދެނެގަންނަން ޖެހެއެވެ. އެހެންނަމަވެސް، މިހާރު ފެތުރެމުން މިދާ ބަލިމަޑުކަން ވާލުގެ ބޮލުގައި އަޅުވާފައި ނިންމާލެވޭކަށް ނެތެވެ. ވާ އައިސް އިންސާނުންގެ ދިރިއުޅުމުގެ ތެރެއަށް ވަނިއްޔަކީ ނޫނެވެ. އިންސާނުން ގޮސް ވާލުގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަތީއެވެ.

މި ފަދަ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާރުކޭޓުތަކުގައި ދިރޭ ޖަނަވާރުގެ ވިޔަފާރިކުރުން ހުއްޓުވުމަކީ ނުހަނު މުހިންމު ކަމެއްކަމަށް ޑރ. ޑާސްޒެކް ބުނެފައި ވެއެވެ. ނަމަވެސް، މި ފަދަ ބަލިމަޑުކަން ފެތުރުނަ ނުދީ މުޅީން ހުއްޓުވުމަކީ ނާދިރު ކަމެއް ކަމަށް ވާތީ، ވާލުގެ ކަންކަން ބަލައި ދިރާސާކުރަމުން ގެންދިއުމަކީ ވެސް ހަމަ އެހައި މުހިންމު ކަމެއްކަމަށް އޭނާ ބުނެފައި ވެއެވެ. މި ވަގުތުގެ ހާލަތު އޭނާ އަޅާކިޔަނީ ނިރުބަވެރިކަމަކާއެވެ. ބަލިމަޑުކަމާއި ނިރުބަވެރިކަމުގެ ހަމަލާތަކަކީ ނުޖެހި ނުދާނޭ ވަބާތަކެކެވެ. ވިސްނުންތެރިކަން އިސްކުރުން މުހިންމެވެ.

ފަސޭހައިން ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލިމަޑުކަމެއް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުންދާ މި ދަނޑިވަޅުގައި އެންމެންވެސް މި ކަމަށް ސަމާލުވެ ތިބުން ވަރަށް މުހިންމެވެ. އަދި ރާއްޖެއަށް މި ބަލި އަތުވެއްޖެކަން ކަށަވަރު ނުވިނަމަވެސް، އާންމު ސާފުތާހިރުކަން އިތުރުކުރުމާއި، ގިނަގިނައިން އަތް ދޮވުމާއި، ކެއްސައި ކިނބިހި އަޅާއިރު ރުމާލާއި ޓިޝޫ ފަދަ ތަކެތި ބޭނުންކުރުމާއި، މަގުމަތި ފަދަ އާންމު ތަންތަނަށް ކުޅުޖެހުމާއި އަރިދަފުސް ފޮޅުން ފަދަ ކަންކަން ނުކުރުމަކީ އާންމު ސިއްހަތަށްޓަކައި އާދަކުރަން ޖެހޭ މުހިންމު އަދަބުތަކެވެ.

މީގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުން ވެސް ވަރަށް މުހިންމެވެ. މި ގޮތުން، ވާރޭ ފެން ބޯން ބޭނުން ކުރާ ނަމަ، ފެން ނެގުމުގެ ކުރިން ފުރާޅު ރަނގަޅަށް ސާފުކުރެވުނުކަން ކަށަވަރުކުރަން ޖެހެއެވެ. އަދި ފުރާޅު ސާފުކޮށްގެން ފެން ނެގިކަމުގައި ވިޔަސް، ބުޅަލާއި، މީދަލާއި، ވާލާއި ކާޅު ފަދަ ޖަނަވާރު ވެސް އުޅޭކަން ހަނދާންކޮށް، ބޯން ބޭނުންކުރާ ފެން ކެއްކުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނޭ ފިޔަވަޅެކެވެ.

ވަކީން ޚާއްޞަކޮށް، ކެއުމުގެ ކުރީން ރަނގަޅަށް އަތް ދޮވުމާއި، ތަރުކާރީއާއި މޭވާ ރަނގަޅަށް ދޮވެގެން ނޫނީ ނުކެއުމާއި، އެއްވެސް ޖަނަވާރެއް ދަތްޖަހާފައި އޮތް އެއްޗެއް، ދަތް ޖަހާފައި އޮތް ބައި ކަނޑައިގެން ވިޔަސް ނުކެއުމާއި، މަހުގެ ބާވަތްތައް ރަނގަޅަށް ކައްކައި ރޯ ފިލުވައިގެން މެނުވީ ނުކެއުމަކީ ވެސް އާންމު ސިއްހަތަށްޓަކައި އެޅިދާނޭ ރަނގަޅު ފިޔަވަޅުތަކެވެ.