ބޮލީވުޑް

އެކްތާގެ "އެކް ވިލަން 2" އަންނަ އަހަރު ޖެނުއަރީގައި

2014ގައި ހިޓްވި ފިލްމު 'އެކް ވިލަން' ގެ ދެވަނަ ފިލްމު އަންނަ ޖެނުއަރީގައި ރިލީސްކުރާނެކަން އިއުލާންކޮށްފިއެވެ.

އެކަން އިއުލާން ކުރީ ފިލްމުގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު އިންސްޓަގްރާމުގައި ފިލްމުގެ ކޯ ޕްރޮޑިއުސަރާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުންނެވެ. އެ ޕޯސްޓުގައި ވަނީ 2014ގެ ބްލޮކްބަސްޓާ އެކް ވިލަންގެ ސީކުއިލް ހެދުމަށް ތައްޔާރުވެފައިވާ ކަމަށެވެ. ދެވަނަ ފިލްމު އަންނަ އަހަރު ޖެނުއަރީ 8ގައި ރިލީސްކުރަން ހަމަޖައްސާފައިވާކަމަށްވެސް ވެއެވެ.

އެކް ވިލަން 2 ޑައިރެކްޓް ކުރަނީ މޯހިތު ސޫރީއެވެ. ފިލްމުގެ ލީޑުން ފެނިގެންދާނީ ޖޯން އަބްރަހަމް އާއި އަދިތްޔަ ރޯލީ ކަޕޫރެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެކް ވިލަން 2 ގައި ފެނިގެންދާނީ ފުރަތަމަ ފިލްމާ މުޅިން ތަފާތު ވާހަކައެކެވެ. އެކް ވިލަންގެ ފުރަތަމަ ފިލްމުގައި ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ސިދާތު މަލޯތުރާ އާއި ރިތޭޝް ދޭޝްމުކްއެވެ.

ފިލްމާ ގުޅޭގޮތުން ޑައިރެކްޓަރު މޯހިތު ފިލްމުފެއާ އަށް ދިން އިންޓަވިއުގައި ބުނީ ޖޯން އާއި އަދިތްޔަވެސް ފިލްމުގައި ފެނިގެންދާނީ "ވިލަން" ގެ ރޯލުންނެވެ. ފިލްމަށް ދެ ބަތަލާއިން އަދި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކޮންމެ ކޮންމެ މީހެއް ނަގަން ބޭނުން ނުވާކަމަށް މޯހިތު ބުނެފައިވެއެވެ.