މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)އެއް ހޯދުމަށް ފުރަތަމަ ފަހަރަށް އިއުލާނުކޮށްފި އެވެ.
މީގެ ކުރިން މި މަގާމަށް ބޭފުޅުން އައްޔަން ކުރައްވާފައި ވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، ހިމެނޭ ކުންފުނި ތަކުގެ ތެރެއިން މިހާތަނަށް އިސް ވެރިޔަކު ހަމަ ނުޖައްސާ އޮތް ހަމަ އެކަނި ކުންފުންޏަކީވެސް އެމްއޭސީއެލްއެވެ. އެ ކުންފުނީގެ ހިންގެވުމާ މިހާރު ހަވާލުވެ ހުންނެވީ، ޑެޕިއުޓީ ޗީފް އިންފޮމޭޝަން ޓެކްނޮލޮޖީ އޮފިސަރު މޫސާ ސޯލިހެވެ. އޭނާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑުބޭބޭފުޅެވެ.
އެމްއޭސީއެލް އަށް ސީއީއޯއެއް ހޯދުމަށް ކޮށްފައިވާ އިއުލާންގެ ޝަރުތު ތަކުގެ ތެރޭގައި އެމީހަކީ، ކޯޕަރޭޓް ދާއިރާގައި 15 އަހަރުގެ ތަޖުރިބާ ލިބިފައިވުމުގެ އިތުރުން އޭވިއޭޝަން ދާއިރާގެ ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ސީ-ސުއީޓް ފަންތީގެ (ޗީފް އެގްޒެކެޓިވް ލެވެލްގައި) މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވުން ވެސް ޝަރުތު ތަކުގެ ތެރޭގައި ހިމެނެއެވެ.
މި އިއުލާންގައި ބުނެފައިވަނީ، އެ މަގާމަށް ކުރިމަތިލާ މީހަކީ، ނިންމުންތައް ނިންމުމާއި، މަޝްވަރާކުރުމަށް މޮޅު މީހަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެމީހަކީ ބޮޑު ކުންފުންޏެއްގެ މެނޭޖްމަންޓު ބަދަލުކުރަން ކުޅަދާނަ، އަދި އުނދަގޫ ހާލަތްތަކުގައި ވެސް ކުޅަދާނަކޮށް މަސައްކަތްކުރަން މޮޅު، މުސްތަގިއްލު، އަހުލާގު ރަނގަޅު މީހަކަށް ވާންޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. މީގެ އިތުރުން ސަރުކާރުގެ އިތުރުން ރާއްޖެ އާއި ބައިނަލްއަގުވާމީ ރެގިއުލޭޓަރީ ބޮޑީތަކާއި ރާއްޖޭގެ ރައްޔިތުންނާއެކު މަސައްކަތް ކުރުމުގެ ގާބިލުކަން އެމީހެއްގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި މަގާމުގެ މަސްއޫލިއްޔަތުތައް ވެސް އިއުލާންގައި ވަނީ ހިމަނައިފައެވެ.
އެގޮތުން ސްޓްރެޓިޖިކް މެނޭޖްމެންޓްގެ މަސްއޫލިއްޔަތުތަކުގެ ދަށުން ފައިދާ އިތުރު ކުރުމާއި، ކުންފުނީގެ ކުރިއެރުމަށް މަގުފަހިކުރުވަނިވި އިސްތިރާޖުތައް (ސްޓްރެޓެޖީތައް) ބޯޑަށް ހުށަހެޅުމުގެ އިތުރުން ކުންފުނީގެ ވިޔަފާރިއާއި އޮޕަރޭޝަނަލް ޕްލޭންތައް ތަންފީޒުކުރުން ހިމެނެއެވެ. މީގެ އިތުރުން ކުންފުނީގެ އޯގަނައިޒޭޝަނަލް ސްޓްރަކްޗާއެއް އެކުލަވާލުމާއި، އެގްޒެކެޓިވް މެނޭޖްމަންޓަށް މަގުދައްކައިދިނުން ވެސް މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނެއެވެ.
ކުންފުނީގެ ވަސީލަތްތަކާއި ހުނަރުތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމާއި، ސްޓޭންޑަޑް އޮޕަރޭޝަނަލް ޕްރޮސީޖާތައް ތައްޔާރުކުރުމުގެ އިތުރުން ކުންފުނީގެ ހަރަކާތްތައް ސީދާ ގޮތެއްގައި ބެލެހެއްޓުމާއި، ވަޒީފާ އަދާކުރަން މުވައްޒިފުންނަށް އެކަށޭނަ މާހައުލެއް ބިނާކުރުންވެސް މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ވަނީ ހިމަނައިފައެވެ.
އެމްއޭސީއެލްގެ ސިއީއޯގެ މަގާމަކީ، ތިން އަހަރު ދުވަހުގެ މަގާމެކެވެ. ނަމަވެސް އެއީ މުއްދަތު އިތުރު ކުރެވޭ ގޮތަށް އޮންނަ މަގާމެކެވެ.
އިއުލާންގައި ބުނެފައިވަނީ މި މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 15 ވާ ހޮނިހިރު ދުވަސް ކަމަށެވެ.