އެސްޓީއޯ

އަންނަ މަހުގެ ތެރޭގައި އަމިއްލަ ފަރާތްތަކުގެ މުދާ، އެސްޓީއޯ ސުޕަމާކެޓުގައި ބަހައްޓައިގެން ވިއްކަން ފެށޭނެ: އަމްރު

އަންނަ މަހުގެ ތެރޭގައި އަމިއްލަ ފަރާތްތަކުގެ މުދާ، އެސްޓީއޯ ސުޕަމާކެޓުގައި ބަހައްޓައިގެން ވިއްކަން ފެށޭނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމްރު ވިދާޅުވީ އަންނަ މަހުގެ ދިހަވަނަ ދުވަހުން ފެށިގެން ތަރުކާރީ އާއި މޭވާ ވިއްކާނީ އަމިއްލަ ވިޔަފާރިތަކުން ކަމަށާއި އަންނަ ހަފުތާ ތެރޭގައި އެސްޓީއޯގެ ސުޕަމާކެޓުގެ ފްރީޒަރުތައް ވެސް ކުއްޔަށް ދޫކުރަން އިއުލާންކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ސުޕަމާކެޓުން ޝެލްފް ސްޕޭސް ދޫކުރަން ފަށާނަން. އިރާދަކުރެއްވިއްޔާ ފެބްރުއަރީ މަހުގެ ދިހަވަނަ ދުވަހުން ފެށިގެން ތަރުކާރީ އާއި މޭވާ އަޅުގަނޑުމެންނެއް ނޫން ވިއްކާނީކީ. ކުޑަ ވިޔަފާރިޔަކުން އެތަނުގައި އެ ވިޔަފާރި ކުރާނީ. އަދި އަޅުގަނޑުމެން މިއަންނަ ހަފުތާގެ ތެރޭގައި އެތަނުގައި ހުރި ފްރީޒަރުތައް އަޅުގަނޑުމެން ކުއްޔަށް ދޫކުރަން އިއުލާނު ކުރާނަން،" އޭނާ ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އެސްޓީއޯ އިން ބޭނުންވަނީ އާންމު ރައްޔިތުންނަށް ނުވަތަ ކުދި ވިޔަފާރިތަކަށް ފަހިވާނެ ގޮތަކަށް ސުޕަމާކެޓް ހިންގުން ކަމަށާއި ފްރީޒަރުތައް ކުއްޔަށް ދޫކުރުމުން ކުކުޅު ފަދަ ތަކެތި ގެނެސް، ސުޕަމާކެޓުގައި ބަހައްޓައިގެން ވިއްކޭނެ ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކަށް ތަނާއި ކަރަންޓާއި ކޭޝިއަރުން ފޯރުކޮށްދޭނީ އެސްޓީއޯއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް ދެ އައިޓަމެއް، ތިން އައިޓަމެއް، ރާއްޖެ އިމްޕޯޓުކުރާ ކުޑަކުޑަ ވިޔަފާރިއެއް، އެ ވިޔަފާރިޔަކުން ވެސް އެ އެއްޗެހި ވިއްކަން ފިހާރައެއް ހަދާކަށް، އަދި ފިހާރައެއް ހަދަންޏާ ދެ އައިޓަމެއް، ތިން އައިޓަމެއް ލައިގެން ނުވެސް ވިއްކޭނެ. ދެން އަނެއްކާ އޭނާ އެބަ ޖެހޭ އެހެން ތަންތަނުން އެތަނަށް މުދާ ލައިގެން އެ ފިހާރަ ހިންގަން. އެހެންވީމާ އަޅުގަނޑުމެން ބޭނުންވަނީ އެ ހުރިހާ ކަމަކުން ވިޔަފާރިތައް ސަލާމަތްކޮށްދޭން،" އޭނާ ވިދާޅުވިއެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ (އެސްއޯއީ)ގެ ބައްދަލުވުމެއްގައި ވެސް އަމްރު ވަނީ އަމިއްލަ ފަރާތްތަކުގެ މުދާ، އެސްޓީއޯ ސުޕަމާކެޓުގައި ބަހައްޓައިގެން ވިއްކަން ހުޅުވާލާނެ ކަމަށް ވިދާޅުވެފައެވެ. އެ ބައްދަލުވުމުގައި އަމްރު ވިދާޅުވީ އާންމު ވިޔަފާރިތަކާ ވާދަކުރުމުގެ ވިސްނުމެއް އެސްޓީއޯއިން ނުގެންގުޅޭ ކަމަށާއި ސުޕަމާކެޓުގައި ތަކެތި ބަހައްޓައިގެން ވިއްކަން ބޭނުން ފަރާތްތަކުން ހަމައެކަނި ޖެހޭނީ ކުއްޔެއް ދައްކަން ކަމަށެވެ.